05 Jun 2011, 09:54
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ވިއްކާ ސިމެންތި ކޮތަޅަކުން 15ރ. ބޮޑުކޮށްފި އެވެ.
ފުޅާ ދާއިރާއެއްގައި ސިމެންތީގެ ވިޔަފާރި ކުރާ އެސްޓީއޯ އިން ސިމެންތީގެ އަގަށް ގެނައި ބަދަލާ ގުޅޭ ގޮތުން އެސްޓީއޯގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ 112ރ. އަށް ވިއްކަމުން އައި ސިމެންތި ކޮތަޅެއް މިދިޔަ ހަފުތާ އިން ފެށިގެން 15ރ. ބޮޑުކޮށް ވިއްކަނީ 127ރ. އަށް ކަމަށެވެ.
އެންމެ ފަހުން އެސްޓީއޯ އިން ސިމެންތިއަށް ގެނައި ބަދަލާ އެކު މިއީ އެ ކުންފުނިން މަހެއްހާ ދުވަސްތެރޭގައި ސިމެންތީގެ އަގު ބޮޑުކުރި ތިން ވަނަ ފަހަރެވެ. މިދިޔަ މަސް ފެށުނީ އިރު އެސްޓީއޯ އިން ސިމެންތި ކޮތަޅެއް ވިއްކީ 103ރ. އަށެވެ.
ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން އަންނަ ދުވަސްވަރެއްގައި ގެދޮރު އިމާރާތްކުރާ ބައެއް ތަކެތީގެ އަގު އުފުލުމާ ގުޅޭ ގޮތުން އެސްޓީއޯ އިން ބުނީ ސިމެންތީގެ އަގު ބޮޑުކުރަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ވެސް ތަކެތީގެ އަގު އުފުލެމުން އަންނާތީ ކަމަށެވެ.
"އެންމެ ފަހުން އަޅުގަނޑުމެންނަށް މިއައި ޝިޕްމަންޓުގެ އަގު މިހުރީ ބޮޑުވެފައި. ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމުގެ އިތުރަށް ދުނިޔޭގެ ބާޒާރުގައި ވެސް ތަކެތީގެ އަގު އުފުލޭތީ ސިމެންތީގެ އަގު ވެސް މި އުފުލެނީ،" ނަން ހާމަކުރަން ބޭނުންނުވާ އެސްޓީއޯގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.