އިމާރާތްތަކުގައި ޕާކިން ޒޯންތައް ހުންނަން ޖެހޭ އުސޫލަށް ކުރިން އަމަލު ނުކުރި ނަމަވެސް މިހާރު އެކަންކުރަން މަޖުބޫރު ކުރުވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

މިހާރު ގަވައިދު ބުނާ ގޮތުން އިމާރާތުގެ ޖާގައިގެ 15 ޕަސެންޓް ޕާކްކުރުމަށް ބަހައްޓަންޖެހެ އެވެ. އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވައިދުގެ ހަތަރު ވަނަ މާއްދާގެ "ރ"ގައި ބުނާ ގޮތުން އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންކުރާ ސައިކަލް ފިޔަވައި ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކޮށްދޭނީ އެ އުޅަނދެއް ބާއްވާނެ ގަރާޖެއްގެ ލިޔުން އެގަރާޖެއްގެ ވެރިފަރާތުގެ ހުއްދައާއެކު ހުށަހެޅުމުންނެވެ.

އެ އުސޫލަށް އަމަލުނުކުރާތީ ސަން އިން ލިޔުނު ރިޕޯޓަކާ ގުޅިގެން ސުވާލުކުރުމުން ހައުސިން މިނިސްޓްރީގެ ނައިބު ހަސަން ޒަރީރު ސަން އަށް ވިދާޅުވީ، މީގެ ކުރިން އެ ގަވައިދަށް އަމަލުކުރަން އުޅުނަސް އެކަން އޮތީ ނުވެ ކަމަށާއި މިދިޔަ އަހަރުން ފެށިގެން އެކަން ހަރުދަނާކޮށް އެކަމަށް އަމަލުކުރަމުން އަންނަ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ކުރެހުން ފާހެއް ނުކުރަން ޕާކްކުރާނެ ޖާގަނެތިސް، އަދި އިމާރާތް ބޭނުން ކުރުމުގެ ހުއްދައެއް ވެސް ނުދޭނެ،" ޒަރީރު ވިދާޅުވި އެވެ.

ޕާކިންއަށް ކަނޑައަޅާފައިވާ ސަރަހައްދުގައި މީގެ ކުރިން ހަދާފައި ހުންނަނީ ފިހާރަތައް ކަމަށާއި މިހާރު އިމާރާތައް އުޅުމަށް ހުއްދަދޭ އިރު އެކަންކަމަށް ވަރަށް ބަލާ ކަމަށް އޭނާ ވިދާޅުވި އެވެ. ހުއްދަ ދިނުމަށް ފަހު ފިހާރައެއް ތަނެއް ހަދާނަމަ އެފިހާރައަކަށް ހުއްދަދޭނީ ވެސް ޕާކިން ޖާގަ ދެއްކުމުން ކަމަށް ޒަރީރު ވިދާޅުވި އެވެ.

ހަތަރު ފުރޮޅުލީ އުޅަނދު ގަރާޖެއްގައި އޮންނަން ޖެހޭ އިރު ކުޑަކުޑަ ގަރާޖެއްގައި އެތައް އުޅަނދެއް ރަޖިސްޓްރީކޮށްފައިހުރެ އެވެ. އުޅަނދު ރަޖިސްޓްރީ ކުރުމަށް ގަރާޖެއްގެ ލިޔުން، އަގު ބޮޑުކޮށް ވިއްކާއިރު އެ ގަރާޖަކީ އެކަށީގެން ނުވާވަރަށް އުޅަނދު ރަޖިސްޓްރީކޮށްފައިވާ ގަރާޖެއްތޯ ނުވަތަ ނޫންތޯ ޓްރާންސްޕޯޓް އޮތޯރިޓީން ނުބަލަ އެވެ. ނަތީޖާއަކީ އުޅަނދުތަކުން މާލެ ތޮއްޖެހުމެވެ.