މީގެ ކުރިން ކާމިޔާބު ކަމާ އެކު ކުރިއަށް ގެންގޮސްފައިވާ 'ސްޕޯޓްސް ފޯ އޯލް' އަލުން ފަށަން ނިންމައި މިފަހަރުގެ ޕްރޮގްރާމް ފުވައްމުލަކުގައި ބާއްވަން ތައްޔާރުވެއްޖެއެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މިނިސްޓަރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ވިދާޅުވީ، ފުވައްމުލަކުގައި އެއްދުވަހުގެ މުއްދަތަށް ބާއްވާ އެ ޕްރޮގްރާމްގައި 1000 އަށް ވުރެން ގިނަ މީހުން ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާކަމަށާއި ބައިވެރިކުރުވުމުގައި ތިން އުމުރުފުރާއަކަށް އިސްކަން ދޭނެ ކަމަށެވެ.

"ޕްރޮގްރާމް ފެށުމުގެ ހަތަރު ދުވަސް ކުރިން އަޅުގަނޑުމެން ދާނަން ފުވައްމުލަކަށް. އެރަށުގައި ސްކޫލު ތަކުގެ ދަރިވަރުންނަށާއި ޒުވާނުންނާއި އަދި އުމުރުން ދުވަސްވީ މީހުންނަށް އެކަމާ ގުޅުން ހުރި ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނަން،" ޖޭފޯ ވިދާޅުވިއެވެ.

އަންނަ މަހުގެ ހަތް ވަނަ ދުވަހު ހަވީރު އެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވީ ނަމަވެސް ރަސްމީކޮށް ކުޅިވަރުތައް އޮންނާނީ ޖެހިގެން އަންނަ ދުވަހު ކަމަށް މިނިސްޓްރީން ބުނެއެވެ.

"އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި ގެންދާނީ ކަސްރަތުގެ ޕްރޮގްރާމްތަށް. ނަމަވެސް ޒުވާނުންނަށް އަމާޒުކޮށްގެން ކޮންމެ ވެސް ވަރަކަށް ވާދަވެރި ކުޅިވަރުތައް ވެސް ކުރިއަށް ގެންދާނަން،" މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުޅިވަރުތަކުގެ އިތުރުން އެ ޕްރޮގްރާމް ކުރިއަށް ގެންދާ ރަސްގެފަންނު ސަރަހައްދުގައި ތާފާތު އެކި ސިއްހީ މައުލޫމާތާއި މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމްތައް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށެވެ.

މީގެ ކުރިން 2001 ވަނަ އަހަރު ފެށި އެ ޕްރޮގްރާމް ވަނީ 11 އަހަރަ މެދު ކެޑުމެއް ނެތި 2012 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންގޮސްފައެވެ.