21 Sep 2016, 23:55
ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ހަ ވަނަ އިންޓަރ އޮފީސް ކެރަމް މުބާރާތް މިމަހުގެ 30 ވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.
ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ (ޖީއެސް) މުޙައްމަދު ސައީދު ސަންއަށް މިއަދު ވިދާޅުވީ، އޮފީސްތަކުގެ މެދުގައި ކުޅެވޭ ކެރަމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 25 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައި ވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިބަލަނީ، 30 ސެޕްޓެމްބަރުން 8 އޮކްޓޫބަރަށް މުބާރާތް ކުރިއަށް ގެންދަން. ދެން މުބާރާތުގަައި ބައިވެރިވާ ޓީމުތަކުގެ އަދަދަށް ބަލާފައި ފަހަރެއްގައި ނިންމާ ތާރީޚަށް ބަދަލެއް އަތުވެދާނެ،" ސައީދު ވިދާޅުވިއެވެ.

ހަތަރުވަނަ އިންޓަރ އޮފީސް ކެރަމް މުބާރާތުގެ ތެރޭން. މިފަހަރުގެ އިންޓަރ އޮފީސް ކެރަމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހު 25 އާ ހަމައަށް ވަނީ ހުޅުވާލާފައި -- ފައިލް ފޮޓޯ
މުބާރާތުގައި ބާއިވެރިވާ ޓީމުތަކުގެ މެދުގައި ގުރުއަތުލުން އޮންނާނީ ސެޕްޓެމްބަރު 27 ވާ އަންގާރަދުވަހުއެވެ.
މިފަހަރުގެ މުބާރާތިގައި ވެސް ޓީމް އިވެންޓާއި، ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް ހިމެނެއެވެ.
"މިހާރުވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން ދަނީ. ގިނަ އޮފީސްތަކާ ކުންފުނިތަކުން މިހާރުވެސް ފަރިތަކުރުންތައް ކުރިއަށް އެބަ ގެންދޭ،" ކެރަމް އެސޯސިއޭޝަންގެ ޖީއެސް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޮފީސް ކެރަމް މުބާރާތުގައި 12 އޮފީހަކުން 17 ޓީމް ބައިވެރިވިއެވެ. އެ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިންނެވެ. އަދި އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންނެވެ.