22 Sep 2016, 00:01
މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް (އެމްއައިއެފް) 2016 ގެ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ރަސްމީކޮށް މިރޭ ހުޅުވާލައިފި އެވެ.
ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެމްއައިއެފްގެ ޕާޓްނަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާއިރު، އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އަހަރަކަށްވުރެ އަހަރެއް ފޯރަމް ރަނގަޅުވަމުން އަންނަ ކަމަށެވެ.

މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް (އެމްއައިއެފް) 2016 ގެ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިޙްތިޝާމް މުހައްމަދު
މިނިސްޓަރުގެ ވާހަކަފުޅުގައި 2014 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވި އެމްއައިއެފްގެ ފުރަތަމަ ފޯރަމްގައި 400 ކުންފުނި ބައިވެރިވެފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު ޗައިނާގެ ބެއިޖިންގައި ބޭއްވި ފޯރަމް ކުރީ އަހަރަށްވުރެ ކާމިޔާބު ކަމަށާއި އެ ފޯރަމްގައި 600 އަށްވުރެ ގިނަ ކުންފުނި ބައިވެރިވެފައިވާ ކަމަށެވެ.
މިއަހަރުގެ ފޯރަމް އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިންޑިއާ އަކީ ރާއްޖޭގެ އިގްތިޞާދުގައި މުހިއްމު ދައުރެއް އަދާ ކުރާ ގައުމެއް ކަމަށް ސައީދު ފާހަގަ ކުރެއްވި އެވެ.
އަދި ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެ ވިޔަފާރިއަށް ހުޅުވާލާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގެ ތިންވަނަ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 21 އަދި 22 ވަނަ ދުވަހު އިންޑިއާގެ ނިއު ދިއްލީގައެވެ.
އެ ފޯރަމްގައި ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަށް ތިން ކެޓަގަރީއަކުން ހުޅުވާލާފައިވެ އެވެ. އެ ކެޓަގަރީތަކުގެ ތެރޭގައި ހިމެނެނީ ޕްލެޓިނަމް، ގޯލްޑް އަދި ސިލްވާ އެވެ. ޕްލެޓިނަމް ކެޓަގަރީ ބައިވެރިވުމަށް 35000 ޑޮލަރު ދައްކަން ޖެހޭއިރު ގޯލްޑް ކެޓަގަރީ ބައިވެރިވެވޭނީ 25000 ޑޮލަރު ދައްކައިގެންނެވެ. ސިލްވާ ކެޓަގަރީގައި ބައިވެރިވުމަށް ދައްކަން ޖެހެނީ 15000 ޑޮލަރެވެ.
މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމަކީ ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި އިންވެސްޓްމެންޓްގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުމަށް ސަރުކާރުން ބާއްވަމުން އަންނަ ފޯރަމެކެވެ.