ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމާ ދެކޮޅަށް ރާއްޖެއިން ބައިނަލްއަގްވާމީ ފެންވަރެއްގައި އަބަދުވެސް މަސައްކަތް ކުރާކަން ގަބޫލުކުރާކަމަށް އިންޑިއާއިން ބުނެފި އެވެ.

އިންޑިޔާގެ ކަޝްމީރުގައި ހުންނަ އަސްކަރީ މަރުކަޒަކަށް ޓެރަރިސްޓުން ދިން ހަމަލާއެއްގައި 17 ސިފައިން މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި ރައީސް އަބްދުﷲ ޔާމީން ވަނީ އިންޑިއާގެ ސަރުކާރަށް ފޮނުވާފައެވެ.

އެ މެސެޖާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ވިކާސް ސްވަރަޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖެއަކީ ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރެއްގައި އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ގައުމެއް ކަމަށެވެ.

ޓެރަރިޒަމަކީ ބައިނަލްއަގްވާމީ އަމަންއަމާން ކަމާއި ރައްކާތެރިކަން އަދި ޑިމޮކްރެސީއަށްވެސް ހުރި ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ވިކާސް ވަނީ ސިފަކުރައްވާފައެވެ.

ކަޝްމީރުގައި އިންޑިއާ އިން ވެރިކަންކުރާ ފަޅީގައިވާ އިންޑިއާގެ އަސްކަރީ ބޭސްއަކަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ދިން ހަމަލާއެއްގައި 17 ސިފައިން ވަނީ މަރާލާފައެވެ.

ޕާކިސްތާނާއި އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ސަރަހައްދުތައް ވަކި ކުރާ ހުރަސް ރޮނގު ކައިރީ އޮންނަ އުރީ ޓައުންގައިވާ އިންޑިއާގެ އަސްކަރީ ބޭސްއަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ ހަމަލާ ދިނީ ފަތިސް ގަޑީގައި ކަމަށް އަސްކަރިއްޔާ އިން ބުނެއެވެ. އަދި އެ ހަމަލާ ދިން މީހުންގެ ތެރެއިން ހަތަރު މީހަކު މަރާލާފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ.