އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައި)އޭ ތަރައްގީއަށް 771 ރުފިޔާގެ ލޯނެއް ދިނުމަށް އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުން ނިންމައިފި އެވެ.

އޮސްޓްރޭލިއާގައި މިދިޔަ ހޯމަ ދުވަހު އޯޕެކްއިން ބޭއްވި ބައްދަލުވުމުގައި 300 މިލިއަން ޑޮލަރުގެ ލޯންތައް އެކި ގައުމުތަކަށް ދޭން ނިންމި އިރު އޭގެ ތެރެއިން އެންމެ ގިނަ އަދަދެއް ދޭން ނިންމި ގައުމަކީ ރާއްޖެ އެވެ. އެއީ 50 މިލިއަން ޑޮލަރެވެ.

އިންޓްރެސްޓާއި އަނބުރާ ދައްކަން ޖެހޭ މުއްދަތު ފަދަ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

އެލޯން ދީފައި ވަނީ އައިއެންއައިއޭ 7.5 މިލިއަން ކަސްޓަމަރުންނަށް ހިދުމަތްދޭ އެއާޕޯޓަކަށް ބަދަލުކުރުމަށެވެ. އެއީ ރާއްޖޭގެ ޓޫރިޒަމް ފުޅާވެ ވަޒީފާ އިތުރުވާނެ ޕުރޮޖެކްޓެކެވެ.

ކުވެއިތު ފަންޑުން ވެސް މީގެ ކުރިން ވަނީ އައިއެންއައިއޭގެ ތަރައްގީއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ.

އައިއެންއައިއޭގެ ތަރައްގީ އަށް 800 މިލިއަން ޑޮލަރު ބޭނުންވާ އިރު ގިނަ ލޯނުތަކެއްގައި ސޮއިކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

އެޕުރޮޖެކްޓުގެ ދަށުން އައިއެންއައިއޭގެ ރަންވޭ އިތުރުކުރުމާއި ޓާމިނަލް ފުޅާ ކުރުމުގެ އިތުރުން ތެޔޮޓޭންކްތަކުގެ ކެޕޭސިޓީ އިތުރު ކުރުން ހިމެނެ އެވެ.

އައިއެންއައީއޭގެ ތަރައްގީގެ މަސައްކަތްތައް 2018 ވަނަ އަހަރާއި ހަމައަށް ނިންމުމަށް ނިންމާފައިވާ އިރު އެއާޕޯޓް ހިއްކުމާއި ދެ ވަނަ ރަންވޭ އެޅުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.