އިންސާނުންގެ ނުހަމަ ބޭނުން ކުރުން ނުވަތަ ހިއުމަން ޓްރެފިކިން ހުއްޓުވާނެ ކަމަށް ރާއްޖޭން ބުނާ ބުނުން ތަކުރާރުކޮށްފި އެވެ. ފޮރިން މިނިސްޓްރީން މިއަދު އާއްމުކުރި ބަޔާނެއްގައި ބުނަނީ ހިއުމަން ޓްރެފިކިން ހުއްޓުވުމަށް ރާއްޖޭން މަސައްކަތްކުރާނެ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރާ އިރުތިޝާމް އާދަމް އިއްޔެ ވިދާޅުވެފައިވާ ކަމަށެވެ.

އިރުތިޝާމްގެ ވާހަކަފުޅުގައި ސަރަހައްދީ ރޮނގު ހުރަސްކޮށް ހިންގާ ހިއުމަން ޓްރެފިކިން ހުއްޓުވަން މަސައްކަތް ކުރުމުގައި ދިވެހި ސަރުކާރަށް ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް ވެސް އިރުތިޝާމް އާދަމް ވަނީ އޭނާގެ ވާހަފުޅުގައި ފާހަގަކުރެއްވާފަ އެވެ.

ހިއުމަން ޓްރެފިކިން އާ ބެހޭ ގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިދިޔަ އަހަރު ނެރުނު ރިޕޯޓްގައި ރާއްޖޭގައި އެކަން ހިނގާކަމަށް ބަޔާންކޮށްފައި ވާތީ އިރުތިޝާމް ވިދާޅުވީ އެކަން ހުއްޓުވަން ސަރުކާރުން ހަރުދަނާ ފިޔަވަޅުތައް މިހާރު އަޅާފައި ކަމަށެވެ. އެގޮތުން ސަރުކާރުން އެކުލަވާލާފައިވާ ޕްލޭން، މައިގަނޑު ތިން ކަމެއްގެ މައްޗަށް ބިނާކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި އިރުތިޝާމް އިއްޔެ ދެއްކެވި ވާހަކަ ފުޅު ނިންމާލައްވަމުން ވިދާޅުވެފައި ވަނީ ހިޖުރަކުރާ މީހުންގެ ބައިނަލް އަގުވާމީ ޖަމިއްޔާގައި ރާއްޖެއިން ބައިވެރިވާނެ ކަމާއި ގައުމުތަކުގެ މެދުގައި ކުރާ ކުށްތައް ހުއްޓުވުމާ ބެހޭ އދ. ގެ މުއާހަދާ އާއި ހިއުމަން ޓްރެފިކިން އާ ބެހޭ އދގެ ޕްރޮޓޮކޯލްގައި ބައިވެރި ވުމަށް ރާއްޖޭން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ހިއުމަން ޓްރެފިކިން ހުއްޓުވުމަށް ރާއްޖެއަށް މީހުން އަންނަ ގައުމުތަކުގެ ސަރުކާރުތަކާ ވާހަކަތައް ދައްކާ ކަމަށް އިރުތިޝާމް ވިދާޅުވި ކަމަށް ވެސް ފޮރިމިނިސްޓްރީގެ ބަޔާން ބުނެ އެވެ.