އިނގިރޭސި ކްލަބު ޗެލްސީން ބޮޑު ހުށަހެޅުމެއް ލިބުނު ކަމަށް ރެއާލް މެޑްރިޑްގެ ސްޕެއިން ފޯވަޑް އަލްވާރޯ މޮރާޓާ ބުނެފި އެވެ.

މީގެ ދެ އަހަރު ކުރިން އިޓަލީގެ ޔުވެންޓަސްއަށް ރެއާލުން މޮރާޓާ ވިއްކާލި އިރު، އޭރު ވެވުނު އެއްބަސްވުމުގައިވާ ގޮތުން އަލުން ރެއާލުން މޮރާޓާ ގަތުމުގެ ފުރުސަތު ލިބިދެއެވެ. އެގޮތުން މި ސީޒަނުގައި އަލުން ރެއާލުން ވަނީ މޮރާޓާ ގަނެފައެވެ.

ރެއާލަށް އަލުން މޮރާޓާ ގަތުމާ އެކު އަނެއްކާވެސް އޭނާ ވިއްކާލުމުގެ ފުރުސަތު ވެސް އެ ކްލަބަށް އޮތެވެ. އެގޮތުން މޮރާޓާ ގަތުމާ އެކު އޭނާ ހޯދުމަށް ގިނަ ކްލަބުތަކަކުން މަސައްކަތްކޮށްފައިވެ އެވެ. މޮރާޓާ ހޯދުމަށް އެންމެ ބޮޑު އަގެއް ހުށަހަޅާފައިވަނީ ޔުވެންޓަސްއަށް މޮރާޓާ ގެންދިޔަ އިރު، އޭރު އެ ކްލަބަށް އިރުޝާދުދިން އަދި މިހާރު ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ކަމަށް މޮރާޓާ ބުނެ އެވެ.

"އެންމެ ބޮޑު ޝައުވެރިކަމެއް ފާޅުކުރީ ޗެލްސީން. އެންޓޯނިއޯ ކޮންޓޭ އަކީ އަހަރެން ޔުވެންޓަސްއަށް ގެންދިޔަ ކޯޗު. އެއީ ވަރަށް ރަނގަޅު ހުށަހެޅުމެއް. އޭގެ ސަބަބުން އަހަރެންނަށް ސްޕެއިންގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށް ވުމުގެ ފުރުސަތު އޮތް،"ސްޕޯޓް ބިލްޑްއަށް ދިން އިންޓަވިއުއެއްގައި މޮރާޓާ ބުންޏެވެ.

މޮރާޓާ ބުނީ، ރެއާލްގައި މަޑުކުރީ އެ ކްލަބުގެ ރޭވުންތަކުގައި އޭނާ ހިމެނޭތީ ކަމަށާއި ރެއާލްގައި މަޑުކުރުމަކީ އޭނާ ވެސް އެދޭ ގޮތް ކަމަށެވެ.