ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ "ކިޑްސް ރައިޓްސް"އިން ދޭ އިންޓަނޭޝަނަލް ޗިލްރަންސް ޕީސް ޕްރައިޒް ނުވަތަ ކުޑަކުދިންގެ ސުލްހައިގެ އިނާމަށް ދިވެހި ކުއްޖަކު ނޮމިނޭޓު ވެއްޖެ އެވެ.

ކުޑަކުދިންގެ ސުލްހައިގެ އިނާމު ދެނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުމުގައި ފާހަގަކޮށްލެވޭ ކުދިންގެ ތެރެއިން އެއް ކުއްޖަކަށް ކޮންމެ އަހަރަކު ވެސް ދޭ އެވޯޑެކެވެ.

މި އެވޯޑަށް ދުނިޔޭގެ އެކި ގައުމުތަކުން 120 ކުއްޖަކު ނޮމިނޭޓު ވެފައިވާ އިރު، ރާއްޖޭގެ ކުއްޖަކު ވެސް އެވޯޑަށް ނޮމިނޭޓު ވެފައި ވެ އެވެ. ރާއްޖެއިން ނޮމިނޭޓު ވެފައިވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯރ ފިޒިކަލް ޑިސްއޭބަލްސް (އެމްއޭޕީޑީ)ގެ ފައުންޑަރ، 15 އަހަރުގެ މުހައްމަދު ރައިޝާން އަހްމަދެވެ.

ކުޑަކުދިންގެ ސުލްހައިގެ އިނާމަށް ނޮމިނޭޓު ވެފައިވާ، މޯލްޑިވްސް އެސޯސިއޭޝަން ފޯރ ފިޒިކަލް ޑިސްއޭބަލްސް (އެމްއޭޕީޑީ)ގެ ފައުންޑަރ، 15 އަހަރުގެ މުހައްމަދު ރައިޝާން އަހްމަދު -- ފޮޓޯ: ރައިޝާން ފޭސްބުކް

ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ނަމަވެސް، ރައިޝާން ދަނީ ކަލާފާނު ސްކޫލުގައި އެހެން ދަރިވަރުންނެކޭ ތަފާތެއް ނެތި ތައުލީމު ހާސިލު ކުރަމުންނެވެ. ރައިޝާން މިހާރު ތައުލީމު ހާސިލު ކުރަމުން ދަނީ ގްރޭޑު ނުވައެއްގައެވެ.

ރައިޝަންއަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތައުލީމު ދިނުމާ މެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާ ކުއްޖެކެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހެން ކުދިން ހަނގާ ކުރުމުގެ ކަންކަން ކުރިމަތިވާ ނަމަ އެކަމާ ކުރިމަތިލުމަށް ހިތްވަރު ދިނުމަށް ރައިޝާން އެހީތެރިވެދެ އެވެ.

ކިޑްސް ރައިޓްސްއިން ދޭ ކުޑަކުދިންގެ ސުލްހައިގެ އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އަންހެން ކުދިން ތައުލީމު އުނގެނުމުގެ ހައްގަށް މަސައްކަތް ކުރާ، އަދި ނޮބެލް ސުލްހައިގެ އިނާމު ލިބިފައިވާ އެންމެ ހަގު ފަރާތް ކަމުގައިވާ ޕާކިސްތާނުގެ މަލާލާ ޔޫސުފްޒައިއަށް ވެސް މީގެ ކުރިން ވަނީ ކިޑްސް ރައިޓްސްއިން ދޭ ކުޑަކުދިންގެ ސުލްހައިގެ އިނާމު ލިބިފައެވެ.