21 Sep 2016, 17:26
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އެޕާޓީގެ އޮފީހަށް ވަޑައިގަތުމުން އޭނާ އެ އޮފީހުން ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރުކަން ވެސް ކުރިން ކުރެއްވި، އަލްހާން "ސަން"އަށް މިއަދު ވިދާޅުވީ، އޭނާ އެ އޮފީހަށް ވަޑައިގަތީ އެމްޑީޕީގެ މިހާރުގެ ނައިބު ރައީސް މުހައްމަދު ޝިފާޒަށް ފޮނުވި ސިޓީއެއްގެ ޖަވާބު ހޯދުމަށް ކަމަށެވެ. އޭނާ ވިދާޅުވީ، އެ ސިޓީއަކީ އެމްޑީޕީގެ މިހާރުގެ ލީޑާޝިޕުގެ މުއްދަތު ހަމަވެފައިވުމުން އިންތިހާބު ބާއްވާނެ ދުވަހެއް އަންގައި ދިނުމުގެ ގޮތުން އޭނާ އެމްޑީޕީއަށް ފޮނުވި ސިޓީއެއް ކަމަށެވެ.
"މިހާރު އެ ސިޓީ އަޅުގަނޑު ފޮނުވިތާ ވަރަށް ދުވަސް ވެއްޖެ. ދެން އަޅުގަނޑު މިއަދު އެމްޑީޕީ އޮފީހަށް ދިޔައީ. އަޅުގަނޑާ އެމްޑީޕީ އޮފީހުން ދިމާވީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރާ. އެބޭފުޅާ އަރިހުން އަޅުގަނޑު އެދުނީ އަޅުގަނޑު ފޮނުވި ސިޓީގެ ޖަވާބު ދިނުމަށް. އެހެން ބުނީމަ އަނަސް ޖެއްސުމުގެ ފާޑަކަށް ވާހަކަ ދެއްކެވީ. ވިދާޅުވީ އޮފީހުން ބޭރުކޮށްލާނަމޭ. އަޅުގަނޑު ދެންނެވިން އެހެނެއް ބޭރެއް ނުކުރެވޭނޭ،" އަލްހާން ވިދާޅުވި އެވެ.
މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު އިސްކޮށް ހުންނަވައިގެން އެމްޑީޕީގައި ހުރި މައްސަލަތައް އިސްލާހު ކުރުމަށް ފެށި ހަރަކާތުގައި ވެސް އެންމެ އިސްކޮށް ހުންނަވާ އަލްހާން ވިދާޅުވީ، އަނަސް އެހެން ވިދާޅުވުމަށް ފަހު އެމްޑީޕީގެ އެކްޓިވިސްޓެއް އެ އޮފީހަށް ގެނައި ކަމަށެވެ. އަދި ޕާޓީގެ އޮފީސް ތެރެއަށް އެ އެކްޓިވިސްޓު ވެއްދުމަށްފަހު އަލްހާން އެތަނުގެ ތެރޭގައި ބެހެއްޓުމަށްފަހު އޮފީސް ތަޅުލައި، އަނަސް ވަޑައިގެންނެވީ ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ.
"އަޅުގަނޑު އެއްވެސް ކަމެއް ނުކުރަން. އަދި އަޅުގަނޑު އޮފީސް ތެރޭގައި ބައިންދާފައި އެތަނަށް ވެއްދި އެކްޓިވިސްޓު ބެލްކަންޏަށް ނުކުމެ މި ބުނަނީ އަލްހާން ފަހުމީ އޮފީސް ތެރެއަށް ވަދެއްޖޭ. ދެން އިރުކޮޅެއް ފަހުން ފަންސަވީހަކަށް މީހުން އައިސް މާރާމާރީ ހިންގި." އަލްހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ އޮފީސް ތެރޭގައި މިއަދު ހިންގި މާރާމާރީ ފުލުހުންނަށް އޭނާ ހުށަހަޅާނެ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ގޮތަކަށް އެމްޑީޕީގެ ލީޑާޝިޕުން އަމަލު ކުރަމުން ދަނީ ގަސްތުގައި ކަމަށެވެ.
އަލްހާން ވިދާޅުވީ، އޭނާ އެމްޑީޕީގެ އޮފީހަށް ހުށަހެޅި ސިޓީގެ ޖަވާބު ލިބެންދެން ކޮންމެ ދުވަހަކުވެސް އެ އޮފީހަށް އޭނާ ވަޑައިގަންނަވާނެ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ސެކެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު މިއަދު ސަން އަށް ވިދާޅުވީ އަލްހާން އެޕާޓީ އޮފީހަށް ވަޑައިގަތީ ސިޓީއެއްގެ ޖަވާބް ހޯދުމަށް ކަމަށާއި އެޖަވާބް މާދަމާ ދޭނެ ކަމަށް އަލްހާނަށް އެންގި ކަމަށެވެ. އެހެން އެންގުމުންވެސް އޮފީހުން ނުނިކުންނާނެ ކަމަށް ބުނެ އަލްހާން މަޑުކުރީ ކަމަށާއި ފުލުހުން ގެނައީ އެހެންވެ ކަމަށް އަނަސް ވިދާޅުވިއެވެ.
އަލްހާން ވިދާޅުވިގޮތަށް މާރާމާރީ އެއް އެތަނުގައި ނުހިނގާ ކަމަށްވެސް އަނަސް ވިދާޅުވިއެވެ.