މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ފަރާތުން ފަށާފައިވާ "ޕާޓްނާސް އޮފް އެމްވީ ސްޕޯޓްސް"ގައި މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބައިވެރިވެ އެތުލީޓަކަށް އެއް އަހަރުގެ ސްކޮލަޝިޕް ދިނުމަށް އެއްބަސް ވެއްޖެއެވެ.

އެމްޑަބްލިއުއެސްއީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕާޓްނާސް އޮފް އެމްވީ ސްފޯޓްސްއާ ހަވާލުވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ އެ ޕްރޮގްރާމްގައި ފެން ކުންފުނިން ބައިވެރިވުމުގެ މަގުސަދަކީ ކުޅިވަރު މައިދާނުގައި ހަރަކާތްރިވާ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްގީކޮށް އިތުރު ހަރުފަތަކަށް ގެދިއުމަށް ކަމަށެވެ.

"އަޅުގަނޑުމެން މި އެއްބަސްވަނީ ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ ޒުވާނުންނަށް އެމްޑަބްލިއުއެސްއީގެ ސީއެސްއާރުގެ ދަށުން ވަރަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްދިނުމަށް،" ފަޒުލް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ އެމްޑަބްލިއުއެސްއީގެ ފަރާތުން ދޭ ސްކޮލަޝިޕަށްމިހ އަހަރަކު 12،000 ޑޮލަރު ހޭދަވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި އޮލިމްޕިކް ކޮމެޓީގެ ޖެނަރަލް ސެކެޓްރީ އަހުމަދު މަރުޒޫގް (މަރޭ) ވިދާޅުވީ ޕްރޮގްރާމް ފޭށުމާއި އެކު އެންމެ ފުރަތަމަ އިސްނެގި ކުންފުނު ތަކުގެ ތެރޭގައި އެމްޑަބްލިއުއެސްއީ ހިމެނޭ ކަމަށާއި އެ ކުންފުނީގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.