ވަކި ގާނޫނަކުން، ޕޮލިސް އިންޓެގްރިޓީ ކޮމިޝަން އުފެއްދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިދޭގޮތަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފި އެވެ.

މިހާރު އޮތް ފަސް މެންބަރުންގެ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަކީ، ފުލުހުންގެ ގާނޫނުގެ ދަށުން ރައީސުލް ޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަންފުޅުތަކެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިގެން މަޖިލީހުގެ ލަފާގެ މަތިން އައްޔަން ކުރައްވާފައިވާ ކޮމިޝަނެކެވެ. ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު އަބުދުއްރަހީމް މަޖިލީހަށް ފޮނުވާފައިވާ ބިލުގައި ބުނާގޮތުން އިންޓެގްރިޓީ ކޮމިޝަނަށް މެންބަރުން ކަނޑައެޅުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

އެ ބިލުގައި ވާގޮތުން އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާންވާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި އެކަމަށް ކުރިމަތިލައްވާ ފަރާތްތައް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ދިރާސާ ކުރުމަށްފަހު މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ. އެ ބިލުގައިވާ ގޮތުން އެ ކޮމިޝަނަށް ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވަން ޖެހޭނީ އެ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ނަންތަކެކެވެ.

ފުލުހުންގެ ގާނޫނުގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސާއި ނާއިބު ރައީސް ކަނޑައެޅުމުގެ ބާރު ވެސް ލިބިދެނީ ރައީސުލް ޖުމްހޫރިއްޔާ އަށެވެ. ނަމަވެސް އަބުދުއްރަހީމް ހުށަހަޅުއްވާފައިވާ ބިލުން ކޮމިޝަންގެ ރައީސާއި ނާއިބު ރައީސް އައްޔަން ކުރުމުގެ ބާރު ލިބިދީފައި ވަނީ، ވެސް ރައްޔިތުންގެ މަޖިލީހަށެވެ.

އެ ބިލުގައިވާ ގޮތުން ކޮމިޝަންގެ ރައީސާއި ނާއިބު ރައީސް ހޮވާނީ، އެ ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުންގެ ތެރެއިން، މަޖިލީހުގެ ޖަލްސާއެއްގައި އެ މަގާމުތަކަށް ހުށަހަޅައި ތާއީދު ލިބޭ މެންބަރުންގެ މެދުގައި ވޯޓު ނަގައިގެންނެވެ.

ތިރީސް އަށް މާއްދާ ހިމެނޭ އެ ބިލުގައި އިންޓެގްރިޓީ ކޮމިޝަނަކީ ވަކި މުއައްސަސާއެއްގެ ގޮތުގައި މަސައްކަތް ކުރަންބޭނުންވާ ފަންނީ މީހުންނާއި މުވައްޒަފުން ސަރުކާރުން ހަމަޖައްސައިދޭންޖެހޭނެ ކަމަށް ވަނީ ހިމަނައިފަ އެވެ. އަދި ކޮމިޝަންގެ މެންބަރުން ވަކި ކުރެވޭނެ ގޮތް ތަކާއި ކޮމިޝަނާއި ކޮމިޝަންގެ މެންބަރުންނާއި ކޮމިޝަންގެ ރައީސާއި ނާއިބު ރައީސްގެ ބާރު ތަކާއި މަސްއޫލިއްޔަތުތައް ވެސް ވަނީ ބަޔާންކޮށްފަ އެވެ.

ބިލުގައި އަބުދުއްރަހީމް ވިދާޅުވެފައި ވަނީ، އެއީ މިނިވަން އެހެން މުއައްސަސާތަކެކޭ އެއްފަދައިން ސިޔާސީ ނުފޫޒުން އެއްކިބާވެ، މިނިވަންކަމާއެކު ޕްރޮފެޝަނަލް ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއެއްގެ ގޮތުގައި ވަކި ގާނޫނަކުން އެ ކޮމިޝަން އުފެއްދެވުމަށް ހުށަހެޅުއްވި ބިލެއް ކަމަށެވެ.