ވޮޝިންޓަން (ސެޕްޓެމްބަރު 21): ހަފްތާބަންދު ތެރޭގައި ނިއު ޔޯކާއި ނިއު ޖާޒީގައި ބޮން ގޮއްވާލި މައްސަލާގައި، އަފްގާނިސްތާނަށް އުފަން އަހުމަދު ޚާން ރަހާމީގެ މައްޗަށް ދައުވާ ކޮށްފި އެވެ.

އެމެރިކާގެ ފުލުހުން އިއްޔެ އަހުމަދު ހައްޔަރު ކުރީ ފުލުހުންނާއި އޭނާއާ ދެމެދު ކުރިއަށް ދިޔަ ހަމަލާ ބަދަލު ކުރުންތަކަށް ފަހު އެވެ. އެ ހަމަލާތަކުގައި އޭނާ އަށް އަނިޔާވުމުގެ ސަބަބުން އޭނާއަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އަހުމަދުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ފުލުހަކު މަރާލަން އުޅުމާއި ނުރައްކާތެރި ހަތިޔާރު ބޭނުން ކުރުމާއި، އާއްމުން އެއްވެ އުޅޭ ސަރަހައްދަކަށް ބޮމުގެ ހަމަލާއެއް ދިނުން ހިމެނެ އެވެ.

މައްސަލަ ތަހުގީގު ކުރާ ފަރާތްތަކުން ބުނި ގޮތުގައި އަހުމަދު ވަނީ މި މަހުގެ 17ގައި ނިއު ޔޯކުގައި ދެބޮމެއް ގޮއްވާލުމަށް މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރެއިން އެއް ބޮން ގޮވާފައިވާ އިރު އަނެއް ބޮން ގޮވާފައި ނުވެ އެވެ. ނިއު ޔޯކުގައި ބޮން ގޮއްވާލުމުގެ ސަބަބުން 31 މީހަކަށް އަނިޔާވި އެވެ.

މީގެ އިތުރުން، އަހުމަދާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައިވާ ގޮތުން އޭނާ އެ ހަމަލާތައް ރާވާތާ އެތައް މަސްތަކެއް ވެއްޖެ އެވެ. އަދި ބޮން ހަދަން ބޭނުންވާ ބައެއް ބައިތައް އޭނާ ގަނެފައި ވަނީ އީބޭ އިންނެވެ. (ބީބީސީ)