ދުނިޔޭގެ މަޝްހޫރު ހޮޓެލް އަދި ރިސޯޓު ޗެއިން އިންޓަކޮންޓިނެންޓަލް ހޮޓެލް ގްރޫޕުގެ ބްރޭންޑުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރިސޯޓެއް ހުޅުވަން ނިންމައިފި އެވެ.

ރ. މާމުނާގައު ނަމަކަށް ކިޔާ ފަޅުރަށުގައި ތަރައްގީ ކުރާ ރިސޯޓަށް ކިޔަން ނިންމާފައި ވަނީ "އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓު" އެވެ.

އެ ރިސޯޓު ތަރައްގީ ކުރަނީ ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް)އިންނެވެ. އެޗްޕީއެލް އާއި އިންޓަކޮންޓިނެންޓަލްއާ ދެމެދު ވަނީ، ރ. މާމުނަގައުގައި ތަރައްގީ ކުރާ ރިސޯޓު މެނޭޖު ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އިންޓަކޮންޓިނެންޓަލް އާއި އެޗްޕީއެލްއާ ގުޅިގެން ރާއްޖޭގައި "ހޮލިޑޭ އިން ރިސޯޓު ކަނޑޫމާ މޯލްޑިވްސް"ގެ ނަމުގައި މިހާރު ވެސް ދަނީ ރިސޯޓެއް ހިންގަމުންނެވެ. ނަމަވެސް މާމުނާގައުގައި ހަދާ ރިސޯޓަކީ އިންޓަކޮންޓިނެންޓަލްގެ ބްރޭންޑުގެ ދަށުން ރާއްޖޭގައި ހުޅުވާނެ ފުރަތަމަ ރިސޯޓެވެ.

ރ. މާމުނަގައުގައި ތަރައްގީކުރާ 83 އެނދުގެ ރިސޯޓު، ކުރިޔަށް އޮތް ފަސް އަހަރު ތެރޭގައި ހުޅުވާނެ ކަމަށް އިންޓަކޮންޓިނެންޓަލާއި އެޗްޕީއެލްއިން ބުނެ އެވެ.

އިންޓަކޮންޓިނެންޓަލްގެ އޭޝިއާ، މެދު އިރުމަތި އަދި އެފްރިކާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ސީއީއޯ ޔާން ސްމިޓްސް ވިދާޅުވީ ދިވެހިރާއްޖެއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ފަތުރުވެރިކަމުގެ ސިނާއަތެއް އޮންނަ އެއް ގައުމު ކަމަށާއި، މިއީ އިންޓަކޮންޓިނެންޓަލް ބްރޭންޑު ރާއްޖެއަށް ގެނައުމަށް ވަރަށް ރަނގަޅު ވަގުތެއް ކަމަށެވެ.