21 Sep 2016, 13:38
ހދ. ކުޅުދުއްފުށި މަގު ހެދުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއާރްޑީސީ)ން ފަށައިފި އެވެ.
އެމްއާރްޑީސީގެ މީޑިއާ އޮފިޝަލު ޝާރިފް މުހައްމަދު "ސަން"އަށް މިއަދު ވިދާޅުވީ ކުޅުދުއްފުށި މަގު ހެދުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ މަސައްކަތް އެމްއާރްޑީސީއާ ހަވާލުކޮށްފައި އޮންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް މަގު ހެދުމުގެ މަސައްކަތް ލަސްވީ އެ މަސައްކަތަަށް ބޭނުންވާ އާލާތްތައް ލިބުން ލަސްވެގެން ކަމަށް ޝާރިފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިހާރު ވަނީ ކުޅުދުއްފުށި މަގު ހެދުމަށް ބޭނުންވާ ހުރިހާ އިކިއުޕްމަންޓުތަކެއް ކަހަލަ ގޮތަކަށް ލިބިފައި. އަދި އެ މަސައްކަތް މިހާރު ކުޅުދުއްފުށީގައި ފެށިގެން ކުރިއަށް ދަނީ. އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން އަޅުގަނޑުމެން މި ބަލަނީ އެ މަސައްކަތް ނިންމާލެވޭތޯ،" ޝާރިފް ވިދާޅުވި އެވެ.
ކުޅުދުއްފުށި ބޮޑުމަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ: ފޮޓޯ/ އެމްއާރްޑީސީ
އޭނާ ވިދާޅުވީ އެމްއާރްޑީސީން ކުރިއަށް ގެންދަނީ އެރަށު ބަންޑާރަ މަގު ހެދުމުގެ މަސައްކަތް ކަމަށެވެ. އަދި ވިދާޅުވީ އެ ކުންފުނިން ކުޅުދުއްފުށި ބޮޑުމަގު ހަދަނީ ތާރު އަޅައިގެން ޒަމާނީ ފެންވަރެއްގައި ކަމަށެވެ. އެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށި އެހެން މަގުތައް ވެސް ހެދުމަށް ވަނީ ނިންމާފަ އެވެ.
ކުޅުދުއްފުށި މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމަށް އެމްއާރްޑީސީއަށް ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ. އެ މަސައްކަތް އެމްއާރްޑީސީއަށް ހަވާލުކޮށްފައި ވަނީ 54 މިލިއަން ރުފިޔާ އަށެވެ.