21 Sep 2016, 12:33
މަސްހޫރު ވީޑިއޯ ގޭމް ފީފާގެ 2017 ވަނަ އެޑިޝަންގައި އައިސްލޭންޑް ނުހިމަނޭ ކަމަށް އެގައުމުގެ ފުޓްބޯޅަ އިދާރާ އިން ބުނެފި އެވެ.
މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގަދަފަދަ އިނގިރޭސިން ކަޓުވާލުމަށް ފަހު ކުއާޓާ ފައިނަލުން ޖާގަ ހޯދި އައިސްލޭންޑް ފީފާ ގޭމްގައި ހިމަނަށް އެ ގޭމް އުފައްދާ އިލެކްޓްރޯނިކް އާޓްސްއިން ބޭނުންވި ނަމަވެސް އައިސްލޭންޑް ފުޓްބޯޅަ ޓީމުގެ ރައިޓްސް ހޯދަން އެކުންފުނިން ހުށަހެޅެ އަގުދައްކަމުން އެފްއޭ އިން ވަނީ އަގު މަތިކުރުމަށް އެދިފަ އެވެ.
"އަހަރެމެން އުންމީދު ކުރިވަރަށް ވުރެން މާކުޑަ އަގެއް އެމީހުން ހުށަހެޅީ. އެންމެ 15 ހާސް ޑޮލަރު. އެއީ ގާތްގަޑަކަށް ހިލޭ އެކަން ކުރުން ކަހަލަ ކަމެއް،" އައިސްލެންޑް އެފްއޭގެ ރައީސް ގެއާ ތޯސްޓެއިންސެން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އައިސްލޭންޑްގެ ފަރާތުން ފެނުނު ކުޅުމުގެ ސަބަބުން އެޓީމާ އެކު ކުޅެން ގިނަ އަދަދެއްގެ މީހުން ބޭނުންވެފައި ހުރި ކަމަށާއި ނަމަވެސް އީއޭ ސްޕޯޓްސް އިން ކަން ކުރި ގޮތުން ގިނަ ފަރާތްތަކަށް އެ ފުރުސަތު ގެއްލިގެން ހިގައްޖެ ކަމަށެވެ.
ދުނިޔޭގެ އެންމެ މަސްހޫރު އެއް ވީޑިއޯ ގޭމްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރާ ފިފާގައި މި އަހަރު 47 ގައުމު ހިމެނޭ އިރު އެންމެ ފުލުގައި ވަނީ ދުނިޔޭގެ 148 ވަނައަށް ރޭންކް ކުރެވިފައިވާ އިންޑިއާ އެވެ.