21 Sep 2016, 12:28
ސްރީލަންކާގެ ކޮލޮމްބޯގެ ޒުވާނަކު އަތުލައިގަނެ، ރަހީނުކުރި ކަމުގެ ދައުވާ، ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކާއި އިތުރު އަށް މީހެއްގެ މައްޗަށްކޮށްފި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ކޮލޮމްބޯގެ ފިހާރައެއްގެ ތެރެއިން ޒުވާނަކަށް ބިރުދައްކައި، އޭނާ ރަހީނުކުރި ހާދިސާއަކާ ގުޅިގެން ދައުވާ އުފުލާފައި ވަނީ ލަންކާގެ ޕާލަމެންޓު މެމްބަރު ހިރުނިކާ ޕްރޭމަޗަންދްރަގެ މައްޗަށެވެ. ހިރުނިކާއަކީ ކޮލޮމްބޯ އަވަށް ތަމްސީލު ކުރާ، އަދި ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ އެންމެ ޒުވާން މެމްބަރެވެ.
ހިރުނިކާއާއި އަށް މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ އެ މައްސަލަ ކޮލޮމްބޯ ހައި ކޯޓުން ބަލަމުންދާ އިރު، އެ މީހުން މިއަދު ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ހައި ކޯޓަށް ހާޒިރު ކޮށްފަ އެވެ.
އެ މީހުން ކޯޓުގެ ހުއްދައާ ނުލައި ލަންކާއިން ބޭރަށް ދަތުރުކުރުން ވަނީ މަނާ ކޮށްފަ އެވެ. އަދި ފުލުހުންގެ ހައްޔަރުން ދޫކޮށްލާފައި ވަނީ ކަފާލާތުގެ ދަށުންނެވެ. ޝަރުތުތަކަކާ އެކު ކަފާލާތުގެ ދަށުން ދޫކޮށްލި ނަމަވެސް، ހައި ކޯޓުގެ އެ ޝަރުތުތަކާ ޚިލާފު ވެއްޖެ ނަމަ ޝަރީޢަތް ކުރިއަށް ގެންދާނީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކަމުގެ އިންޒާރު، ހިރުނިކާއާއި އަށް މީހުންނަށް ހައި ކޯޓުން ދިނެވެ.
އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ އަޑުއެހުންތައް އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ބާއްވާ ގޮތަށް ވަނީ ތާވަލު ކޮށްފަ އެވެ.