އެއްވެސް ފަރާތެއްގެ ހުއްދަ ނެތި ގ. ނާޝިދު ވިލާ ގެއަށް ވަތްކަން ސާބިތުވެ ގދ. ތިނަދޫ ބުލޫހެވަން ޖުމްއާން މުހައްމަދު ތިން މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޖުމްއާންގެ މައްޗަށް އަމުރަށް ނުުކިޔަމަންތެރިވުމުގެ ދައުވާ ދައުލަތުން އުފުލީ ގ. ނާޝިދު ވިލާ ގެއަށް އެގޭގެ އެއްވެސް ފަރާތެއްގެ ހުއްދައެއް ނެތި ވަދެފައުވާތީ އެވެ.

ކްރިމިނަލް ކޯޓުން އެ މައްސަލަ ނިންމައި އިއްޔެ ކުރި ހުކުމުގައި ބުނެފައި ވަނީ ގ. ނާޝިދު ވިލާ ގެއަށް ހުއްދައަކާ ނުލައި ޖުމްއާން ވަތްކަން އޭނާގެ އިއުތުރާފުން ޝަރީއަތަށް ސާބިތުވާ ކަަމަށެވެ.

އެހެންކަމުން ގާނޫނުލްއުޤޫބާތުގެ ތިންވަނަ ޗަޕަޓަރުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖުމްއާން ތިންމަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ކުރީގެ ގާނޫނުލްއުޤޫބާތު 88 ވަނަ މާއްދާގެ (ހ)

  • ޝަރުއީ އަދި ގާނޫނީ ގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެކެވެ. މިކުށް ކޮށްފި މީހެއްގެ އަދަބަކީ ގިނަވެގެން ހަމަސްދުވަހަށް ޖަލަށްލުން، އަރުވާލުން، ގޭގައިބަންދުކުރުން ނުވަތަ 150 ރުފިޔާއަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.