ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯގެ ތިންވަނަ އެޑިޝަން އަންނަ ހަފްތާގައި ބާއްވާ އިރު، އެ މައުރަޒުގެ ހުރިހާ ތައްޔާރީއެއް ވެއްޖެ އެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ މެރިން އިންޑަސްޓްރީގައި މަސައްކަތް ކުރާ ދިވެހި އަދި ބޭރުގެ ފަރާތްތަކުގެ ޕްރޮޑަކްޓްތައް އެގްޒިބިޓް ކުރުމުގެ ބޭނުމުގައި ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާ މައުރަޒެކެވެ. މިއީ އިކޮނޮމިކް މިނިސްޓްރީ، އެމްއެމްޕީއާރުސީ އަދި މޯލްޑިވްސް ނޭޝަނަލް ޗެމްބާ އޮފް ކޮމާސްއިން އެންޑޯސް ކޮށްފައިވާ ހަރަކާތެކެވެ.

މެރިން އެކްސްޕޯ އިންތިޒާމުކުރާ ބްލަކްއިން ބުނި ގޮތުގައި، މައުރަޒު ބޭއްވުމުގެ ހުރިހާ ކަމެއް ހަމަޖެހި، ހުރިހާ ތައްޔާރީއެއް މިހާރު ވަނީ ވެފަ އެވެ.

މެރިން އެކްސްޕޯ އަންނަ ހަފްތާގައި އަންގާރަ ދުވަހު ފަށާ އިރު، ހުކުރު ދުވަހުގެ ނިޔަލަށް އެ މައުރަޒު ކުރިޔަށް ދާނެ އެވެ. މެރިން އެކްސްޕޯ އޮންނާނީ ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައި އޮންނަ ވޯޓާފްރަންޓު ސަރަހައްދުގަ އެވެ.

މި އަހަރުގެ މެރިން އެކްސްޕޯގައި ރާއްޖެއާ ރާއްޖެއިން ބޭރުގެ 32 ފަރާތަކުން ބައިވެރިވެ އެވެ. ރާއްޖެއިން ބޭރުން ބައިވެރިވާ ގައުމުތަކުގެ ތެރޭގައި އިންޑިއާ، މިސްރު، ރަޝިއާ، އެމެރިކާ، ޗައިނާ އަދި ޔޫއޭއީ ހިމެނެ އެވެ.

ބްލަކްގެ މެނޭޖިންގް ޑިރެކްޓަރ އިސްމާއިލް ހުޝާމް ވިދާޅުވީ އެ އެކްސްޕޯއަކީ ކަނޑު ދަތުރުފަތުރުގެ ދާއިރާއާއި، ވޯޓާސްޕޯޓްސްއާއި ޑައިވް ސްކޫލު އޮޕަރޭޓަރުންނާއި މިފަދަ ދާއިރާތަކާ ގުޅުންހުރި ފަރާތްތަކުން އެކުވެ، ވިޔަފާރީގެ މާހައުލެއްގައި ބައްދަލުކޮށް، ގުޅުންތައް އުފެއްދުމަށް ލިބޭނެ ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށެވެ.

ބްލަކްއިން ބުނާ ގޮތުގައި މެރިން އެކްސްޕޯ ކުރިޔަށް ދާނީ ގިނަ ހަރަކާތްތަކަކާ އެކުގަ އެވެ. އޭގެ ތެރޭގައި "މެރިން ޓޯކްސް"ގެ ނަމުގައި ކުރިޔަށް ގެންދާ ޓޯކްޝޯއަކާއި، ފަންނުވެރި އާޓްވޯކްތައް ދައްކާލެވޭނެ އާޓް ގެލެރީއަކާއި ވޯޓާ ސްޕޯޓްސް ނުވަތަ މޫދުކުޅިވަރު ކުޅެވޭނެ އިންތިޒާމުތައް އެސަރަހައްދުގައި އޮންނާނެ އެވެ.

މޫދު ކުޅިވަރުގެ ހަރަކާތްތައް، ހުޅުމާލޭ ފަޅުތެރޭގައި ކުރިޔަށް ދާ އިރު، އެއްގަމުގައި 10،000 އަކަމީޓަރަށް ވުރެ ބޮޑު ސަރަހައްދެއްގައި މެރިން އެކްސްޕޯގެ މައުރަޒާއި އެކިއެކި ހަރަކާތްތައް ކުރިޔަށް ދާނެ އެވެ.

މެރިން އެކްސްޕޯގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.