21 Sep 2016, 10:47
އޮކްޓޫބަރު އެއްވަނަ ދުވަހުން ފެށިގެން، ވިތުހޯލްޑިންގް ޓެކްސްއާއި، ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އޮންލައިންކޮށް ދައްކަން ޖެހޭ ގޮތަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ހަމަޖައްސައިފި އެވެ.
މީރާއިން އާންމުކޮށްފައިވާ ޓެކްސް ރޫލިންގްއެއްގައި ބުނެފައި ވަނީ، އޮކްޓޫބަރު އެއްވަނަ ދުވަހުން ފެށިގެން ވިތުހޯލްޑިންގް ޓެކްސްއާއި ޓީޖީއެސްޓީގެ ބަޔާނާއި، އެއާ ގުޅޭ ފައިސާ ދައްކަން ޖެހޭނީ މީރާ ކަނެކްޓް، ނުވަތަ އެމްއާރުޓީޖީއެސް މެދުވެރިކޮށް ކަމަށެވެ.
މީރާ ކަނެކްޓްއަކީ މީރާގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ޓަކައި އުފައްދާފައިވާ އޮންލައިން ޕޯޓަލް އެކެވެ.
މީރާއިން މިގޮތަށް ހަމަޖެއްސުމުން، ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުން މީރާގެ އޮފީހަށް ނުގޮސް، ކޮންމެ ވަގުތެއްގައި ކޮންމެ ތަނެއްގައި ހުރެގެން ވެސް ޓެކްސް ދެއްކޭނެ އެވެ.