ދިއްލީ (ސެޕްޓެމްބަރު 21): އިންޑިއާގެ ނިއު ދިއްލީގެ މަގެއްގައި ފިރިހެނަކު އަންހެނަކަށް ވަޅިން ހަމަލާ ދެމުންދާއިރު، އެ މަންޒަރު ދުށް އެތައް ބަޔަކު އަންހެން މީހާއަށް އެހީ ނުވެ، އެސަރަހައްދު ދޫކޮށްދާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެއްޖެ އެވެ.

ސީސީޓީވީ ކެމެރާ އިން ފެނިގެން ދަނީ ސައިކަލެއްގައި އައި ފިރިހެނަކު 22 އަހަރުގެ ސްކޫލް ޓީޗަރެއް ކަމަށްވާ ކަރުނާއަށް ވަޅިން ހަމަލާދޭ މަންޒަރެވެ. އަދި ވަޅިން ހަމަލާ ދިނުމަށް ފަހު ކަރުނާގެ ބޮލުގައި ގަލަކުން ޖެހި ނަމަވެސް މަގުމަތިން ހިނގާފައި ދިޔަ މީހުންގެ ތެރެއިން އެއްވެސް މީހަކު ހަމަލާ ދެމުން ދިޔަ މީހާ ނުހުއްޓުވާ މަންޒަރެވެ.

ކަރުނާ އަށް އެހީވާން މަސައްކަތް ކުރީ އެންމެ މީހެކެވެ. ނަމަވެސް ހަމަލާ ދެމުން ދިޔަ ފިރިހެން މީހާ އޭނާ އަށް އިންޒާރު ދިނުމުން އޭނާ ވެސް އެސަރަހައްދު ދޫކޮށް ދިޔައީ އެވެ.

ނަމަވެސް ކަރުނާއަށް ހަަމަލާ ދިން މީހާ، އޭނާ މަރާލުމަށް ފަހު ފިލަން މަސައްކަތް ކުރުމުން އާއްމުން ވަނީ އޭނާ ހިފަހައްޓާފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ފުލުހުން ވަނީ ހަމަލާ ދިން މީހާ ހައްޔަރު ކުރުމަށް ފަހު އޭނާގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާކޮށްފަ އެވެ.

އިންޑިއާ ފުލުހުން ބުނި ގޮތުގައި ހަމަލާ ދިން މީހާ އާއި ކަރުނާ އަކީ މީގެ ކުރިން އަވަށްޓެރިންނެވެ. އަދި ކައިވެންޏެއް ކޮށްގެން ހުރި އެފިރިހެންމީހާ ކަރުނާއާ ހިތާވި ނަމަވެސް ކަރުނާ އެކަމަށް ސަމާލުކަން ނުދިނުމުން އޭނާ ރުޅި އައީ އެވެ.

އަދި ކަރުނާގެ ބޭބެ ވަނީ އެފިރިހެން މީހާ ކަރުނާއަށް ފުރައްސާރަ ކުރަމުން ދިޔުމުގެ ސަބަބުން އޭނާއާ ދެކޮޅަށް ޝަކުވާއެއް ހުށަހެޅި ކަމަށް ބުނެފަ އެވެ. ފުލުހުން ބުނި ގޮތުގައި މީގެ މަސްތަކެއް ކުރިން ކަރުނާގެ އާއިލާއިން ހުށަހެޅި އެޝަކުވާއާ ގުޅިގެން ދެއާއިލާއިން ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ.

ކަރުނާއަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ އާއްމުވުމާ އެކު އިންޑިއާގެ ގިނަ ރައްޔިތުން ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކޮށްފަ އެވެ. އަދި "އިންސާނިއްޔަތު ނެތިގެންދާ ކަމަށް" ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެއީ މިހަފްތާ ތެރޭގައި ދިއްލީގައި އެފަދަ ހާދިސާއެއް ހިނގި ދެވަނަ ފަހަރެވެ. ޓައިމްސް އޮފް އިންޑިއާގައިވާ ގޮތުން މިދިޔަ އާދިއްތަ ދުވަހު ފިރިހެނަކު ވަނީ ލަކްޝްމީ ކިޔާ 28 އަހަރުގެ އަންހެނަކަށް ވަޅިން ހަމަލާދީ މަރާލުމަށް ފަހު، އަމިއްލައަށް މަރުވެފަ އެވެ. އެ ހާދިސާ ހިނގީ އަންހެން މީހާގެ ގޭގެ ކުރި މަތީގައި، ހުރިހާ އަވަށްޓެރިންނަށް ފެންނަ ހިސާބުގަ ކަމަށް އިންޑިއާގެ ނޫހުގައިވެ އެވެ. (ބީބީސީ)