21 Sep 2016, 11:52
ލ. ފޮނަދޫން: އިހްތިޝާމް މުހައްމަދު
ސާޅީސް ހަތް މިލިއަން ރުފިޔާ ހަރަދުކޮށްގެން ލ. ފޮނަދޫގައި ގާއިމުކުރާ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ރޭ އިފްތިތާހްކޮށްފި އެވެ.
އެ މަޝްރޫއު ފަށްޓަވައިދެއްވުމުގެ ގޮތުން ރޭ ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އާއި، ވިލިމާފަންނު ދާއިރާގެ މަޖްލިސް މެމްބަރު އަހްމަދު ނިހާން ހުސެއިން މަނިކާއި، ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ ގެ އިތުރުން ލ. އަތޮޅު ކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ރަސްމީގޮތުން ފަށްޓަވައި ދެއްވުމަށްފަހު ލ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމަންޓު މިނިސްޓަރު ތާރިގު އިބްރާހީމް ވިދާޅުވީ، ފޮނަދޫގައި ސާފުފެން ނުލިބޭ ވަރަށް ގިނަ ސަރަހައްދުތައް ހުރި ކަމަށާއި، އެ މަޝްރޫއު ނިމުމުން ފޮނަދޫގެ ހުރިހާ ގޭގެއަށް ސާފުފެން ލިބޭނެ ކަމަށެވެ.
"މި ޕްރޮޖެކްޓް ނިމޭ އިރު ފޮނަދޫގެ ހުރިހާ ގޭގެއަށްވެސް ސާފު ފެން ލިބިގެންދާނެ. އޭގެ އިތުރަށް މީ ދާއިމީ ގޮތެއްގައި ލިބިގެންދާނެ ސާފު ބޯފެނަށްވެސް ވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ލ. ފޮނަދޫ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވުމަށްފަހު މިނިސްޓަރު ޠާރިގު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިޙްތިޝާމް މުހައްމަަދު
ޕީޕީއެމްގެ ސަރުކާރު ވެރިކަމަށް އައި އިރު އޮތީ 30 ނަރުދަމާ އާއި ފަސް ރަށެއްގެ ފެނުގެ ނިޒާމް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް މިހާރު އޮތް ސަރުކާރުން މިހާތަނަށް 10 ރަށެއްގެ ނަރުދަމާއާއި 10 ރަށެއްގެ ފެނުގެ ނިޒާމް ގާއިމްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލ. އަތޮޅަށް ވަރަށް ބޮޑެތި ކުރިއެރުންތައް ލިބެމުންދާ ކަމަށާއި، އެކަން ބޮޑު މަގަށް ބަލާލުމުންވެސް ފެނިގެންދާ ކަމަށެވެ. އަދި މަގު ހަދާ ނިމުމުން ހީނުކުރާ ކަހަލަ ބޮޑެތި ކުރިއެރުންތައް އަތޮޅަށް ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލ. ފޮނަދޫ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިޙްތިޝާމް މުހައްމަދު
އެ ރަސްމިއްޔާތުގައި ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްރަހީމް އަބްދުުﷲ ދެއްކެވި ވާހަކަފުޅުގައި ފޮނަދޫއާއި ފޮނަދޫ ދާއިރާގެ ތަރައްގީއަށް ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތަކަށް އަލިިއަޅުއްވައިލެއްވި އެވެ. އެގޮތުން މާމެންދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ނިމި، އެ ރަށުގެ ނަރުދަމާގެ މަސައްކަތް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމްގެ ވާހަކަފުޅުގައި ފޮނަދޫގެ ރައްޔިތުންނަކީ ތަރައްގީއަށް ފެންބޮވައިގަނެފައިވާ ރައްޔިތުންތަކެއް ތިބި، އެއިރެއްގެ އޮންނަ ސަރުކާރަކާއެކު ތަރައްގީ ހޯދަމަށް މަސައްކަތް ކުރައްވާ ބައެއް ކަމަށްވެސް ވިދާޅުވި އެވެ.
ފޮނަދޫ ފެނުގެ ނިޒާމުގެ އަމަލީ މަސައްްކަތް ރޭ ރަސްމީކޮށް ފަށާފައިވާއިރު، އެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިއެރާ މޯލްޑިވްސް އާ އެވެ. އެ މަސައްކަތް 47،139،214 ރުފިޔާއަށް ސިއެރާއާ ހަވާލުކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މިއަހަރުގެ މާޗު މަހު ސިއެރާއާ ހަވާލުކުރި އެ މަޝްރޫއުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކަކީ ރަށަށް ބޭނުންވާ ފެން އުފައްދާ އާރް އޯ ޕްލާންޓާއި ފެން ރައްކާކުރާ ތާނގީ ބެހެއްޓުމާއި ފެން ވިއުގައެއް ގާއިމްކުރުމާއި އެ ފެން ވިއުގަ މެދުވެރިކޮށް ގޭގެއަށް ފެން ފޯރުކޮށްދިނުމަށް މީޓަރު ގުޅައިދިނުމެވެ.