21 Sep 2016, 01:37
ރާއްޖޭގެ މުސްތަގުބަލުގެ ޖީލުތަކަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ބަޔަކަށް ވާނެ ކަމަށާއި އެކަން މިއަދުގެ ސަރުކާރުން ކުރާނެ ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯ އާއި ހެލްތު މިނިސްޓްރީ ގުޅިގެން މިރޭ ހޮޓެލް ޖެންގައި ބޭއްވި ފޯރަމެއް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ޖިހާދު ވިދާޅުވީ، ދުންފަތަކީ ކޮންޓްރޯލް ކުރަންޖެހޭ އެއްޗެއް ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ، ޑަބްލިޔުއެޗްއޯއިން އިސްނަންގަވައިގެން މިހާރު ކުރިއަށްގެންދަވާ ހަރަކާތްތަކަކީ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް ކުރެވޭ ވަރަށް ކާމިޔާބު ކެމްޕޭނެއްކަމަށާއި ކުރިމަގުގައި ދިވެހިރާއްޖެއަކީ ދުންފަތް ބޭނުން ނުކުރާ ގައުމެއްގެ ގޮތުގައި ދެންއަންނަ ޖީލުތަކަށް ފެނިގެންދާނެކަމަށެވެ. ނަމަވެސް އެ ލަނޑުދަނޑި ހާސިލް ކުރެވޭނީ މުޖުތަމަޢުގެ ހުރިހާ ފަރުދުން ގުޅިގެން މަސައްކަތް ކުރުމުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހައިލެވެލް އެޑްވޮކަސީ ފޯރަމް އޮން ޓޮބޭކޯ ކޮންޓްރޯލް އިން ދަ މޯލްޑިވްސް"ގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
"މިސާލަކަށް 300 ޑޮލަރުގެ މުސާރައެއް ލިބޭ މީހަކު 1000 ރުފިޔާ މި ބޭނުން ކުރަނީ ދުންފަތުގެ އިސްތިއުމާލު ކުރުމަށް. އެއީ އޭނާއަށް ލިބޭ އާމްދަނީގެ 25 ޕަސެންޓު. އޭނައަށް ލިބޭ އާމްދަނީގެ 25 ޕަސެންޓު މި ބޭނުން ކުރަނީ ކީއްކުރަންތޯ، އޭނަ އެ ފައިސާ މި ބޭނުން ކުރަނީ އޭނަ އަމިއްލަ ހަށިގަނޑަށް ގެއްލުންދޭން،" ނައިބުރައީސް ވިދާޅުވިއެވެ.
ޖިހާދު ވިދާޅުވީ، ދުންފަތުގެ ދުމުގެ އަސަރުކޮށްގެން ލިބޭ ގެއްލުންތަކަށް ވެސް ހައްލެއް ގެންނަން ޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނެކޭ އެއްވަރަށް އެ އަމަލު ކުރާ މީހުންގެ ކައިރީގައިވާ މީހުންނަށް ދުމުގެ ސަބަބުން ނުރައްކާތެރި ބަލިތައްޖެހޭ ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ، ދުންފަތުގެ ބޭނުންކުރުން ހުއްޓުވޭނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ލިބޭ ގެއްލުންތަކާމެދު މުޖުތަމައު ހޭލުންތެރި ކުރެވިގެން ކަމަށެވެ.

ހައިލެވެލް އެޑްވޮކަސީ ފޯރަމް އޮން ޓޮބޭކޯ ކޮންޓްރޯލް އިން ދަ މޯލްޑިވްސް"ގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
"ދުންފަތުގައި 7000 ކެމިކަލް އެކުލިވިގެންވޭ. އޭގެތެރެއިން 70 ކެމިކަލް އަކީ ކެންސަރަށް މަގުފަހިވާ ކެމިކަލްތަކެއް. އެހެންވީމަ ދުންފަތުގެ އިސްތިއުމާލު ކޮށްގެން ގެއްލުން މި ލިބެނީ ހަމައެކަނި ފުއްޕާމެއަކަށް ނޫން، ލޮލުގެ ފެނުމަށް ވެސް އެކަމުގެ ސަބަބުން އަސަރު ކުރާނެ. އަޅުގަނޑަކީ ޑޮކްޓަރެއް ނޫން. އެހެންނަމަވެސް މިކަމަކީ ސާބިތުވެފައި އޮތް ކަމެއް،" ޖިހާދު ވިދާޅުވި އެވެ.
ދުންފަތަކީ ހަމައެކަނި ސިއްހީ މައްސަލައެއް ވެސް ނޫން ކަމަށާއި އެކަމަކީ އިގްތިސާދާވެސް ގުޅުންހުރި މައްސަލައެއް ކަމަށް ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
" ހަމައެކަނި ސިގިރެޓް ގަތުމަށް ރާއްޖޭގައި އަހަރަކު 1.1 ބިލިއަން ރުފިޔާ އެބަ ހަރަދުވޭ. މިއީ ކުޑަ އަދަދެއް ނޫން. މި ފައިސާ އަޅުގަނޑުމެންނަށް އެހެން ކަންކަމަށް ހަރަދު ކުރެވިދާނެ. މިސާލަކަށް ޖެންޑާ މިނިސްޓްރީ ހޯމް މިނިސްޓްރީ ފަދަ މިނިސްޓްރީތަކުގެ މަސައްކަތްތަކަށް މި ފައިސާ އަޅުގަނޑުމެންނަށް ހަަރަދު ކުރެވިދާނެ،" ނައިބު ރައީސް ޖިހާދު ވިދާޅުވި އެވެ.