19:00


އަފްޣާނިސްތާނުގެ ނިމްރޫޒް ޕްރޮވިންސްގައި ޖާނުން ފިދާވުމުގެ ހަމަލާތަކެއް ދޭން އުޅުނު ބަޔަކާއި ފުލުހުންނާ ދެމެދު ބަދަލުކުރެވުނު ހަމަލާތަކެއްގައި 11 މީހުން މަރުވެ އިތުރު ފަސް މީހަކު ޒަޚަމްވެއްޖެ އެވެ.


ނިމްރޫޒް ޕްރޮވިންސްގެ އޮފިޝަލަކު މީޑިއާއަށް މައުލޫމާތުދިން ގޮތުގައި މަރުވެފައިވާ 11 މީހުންގެ ތެރޭގައި ހިމެނެނީ ހަނގުރާމަވެރިންގެ އަށްމީހަކާއި ފުލުހުންގެ ދެމީހަކާއި އާންމުންގެ މީހެކެވެ. އަދި އެޕްރޮވިންސްގެ ގަވަރުނަރުގެ އޮފީސް ކައިރީގައި ހަނގުރާމަވެރިންގެ އިތުރު ދެމީހަކު ބޮމެއް ގޮއްވާލައިގެން އަމިއްލައަށް މަރުވެފައިވާ ކަމަށް ވެސް އެފަރާތުން މައުލޫމާތުދިނެވެ.


އެސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުން ބުނިގޮތުގައި ހަނގުރާމަވެރިން މަސައްކަތްކުރީ ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ޕްރޮވިންސްގެ ގަވަރުނަރުގެ އޮފީސް ގޮއްވާލުމަށެވެ. އަދި ޕްރޮވިންސްގެ ބައެއް އާންމު އިމާރާތްތަކަށް ހަމަލާދޭން ވެސް މަސައްކަތްކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް މިއިން އެއްވެސް ކާމިޔާބުވުމުގެ ކުރިން ފުލުހުން އެމީހުންނަށް ހަމަލާދީފައިވާ ކަމަށް ވެސް އެފަރާތުން ބުނެ އެވެ.


މިހަމަލާއަކީ އަފްޣާނިސްތާނު ސަރުކާރުގެ އިސް ފަރާތްތަކަށް އަމާޒުކޮށްފައިވާ ހަމަލާއެއްކަމަށް ބުނެ ތާލިބާނުން ވަނީ މިހަމަލާގެ ޒިންމާ ނަގައިފަ އެވެ.