އުރީދީ ދިވެހި ޕްރިމިއާ ލީގްގައި އަސަދުﷲ އަބްދުﷲ (އަސައްކޮ) ކާމިޔާބްކުރި ހެޓްރިކާއި އެކު 5-1ގެ ނަތީޖާ އަކުން ވިކްޓަރީ ބަލިކޮށް މާޒިޔާއިން ތާވަލުގެ އެއްވަނާގައި އަށް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ ހަތަރު މެޗަށް ވެފައިވާއިރު، މިރޭގެ މެޗުގެ ނަތީޖާއާ އެކު ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ ކުޅުނު 17 މެޗުން ލިބުނު 40 ޕޮއިންޓާ އެކުއެވެ. އަށް ޕޮއިންޓުގެ ލީޑަކާއެކު މާޒިޔާއިން ފުރަތަމަ ފަހަރަށް ލީގު ހޯދުމާ ގާތަށް ޖެހިލާފައިވާއިރު، ދެވަނައިގައި އޮތް އިގަލްސްއަށް 17 މެޗުން ލިބެނީ 32 ޕޮއިންޓެވެ. ޓީސީ ތިން ވަނައިގައި އޮތީ 17 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު އެ މެޗު ފެށިގެން ވިކްޓަރީން ވަނީ މާޒިޔާ ގޯލެއް ކާމިޔާބްކުރިޔަ ނުދީ 24 މިނެޓް ހިފައްޓައިފައެވެ.

މާޒިޔާއަށް ވިކްޓަރީގެ ގޯލު ހުޅުވައިދިނީ އަސައްކޮއެވެ. އޭނާ އެ ގޯލު ކާމިޔާބް ކުރީ އަހުމަދު އިމާޒް (އާއްކޮ) ވިކްޓަރީ ގޯލްކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާއަށް ލީޑު ފުޅާ ކުރަން ޕެނަލްޓީއެއް ލިބުނު ނަމަވެސް އަސައްކޮ ފޮނުވާލި އެ ޕެނަލްޓީ ވިކްޓަރީގެ ކީޕަރު އިބްރާހިމް އިފްރާހް އަރީފް ވަނީ ހުޝިޔާރު ކަމާ އެކު ދިފާއުކޮށްފައެވެ.

މާޒިޔާގެ ދެވަނަ ގޯލު މެޗުގެ 53 ވަނަ މިނެޓްގައި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ކާމިޔާބްކުރީ އަހްމަދު ނާޝިދު (ނައްޓޭ) ހުރަސްކޮށްލި ބޯޅަ އެއް އެއްފަހަރުން ވިކްޓަރީގެ ގޯލަށް ވައްދާލައިގެންނެވެ. ދަގަނޑޭގެ އެ ގޯލަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ކާމިޔާބުކުރި 400 ވަނަ ގޯލު ކަން ވެސް ފާހަގަކޮށްލެވެއެވެ.

މާޒިޔާގެ ތިން ވަނަ ގޯލު 58 ވަނަ މިނެޓްގައި އަސައްކޮ ކާމިޔާބުކުރިއިރު އޭގެ ހަތް މިނެޓް ފަހުން އޭނާވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގައި ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މާޒިޔާގެ ފަސް ވަނަ ގޯލު މެޗުގެ 76 ވަނަ މިނެޓްގައި އެޓީމްގެ ކުރީގެ ކެޕްޓަން އަހުމަދު ރަޝީދު (އައްމަޑޭ) ކާމިޔާބްކުރީ ކީޕަރު ބީޓް ކުރުމަށްފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

ވިކްޓަރީއަށް ސުން ކަނޑުވާލަ ދިން ގޯލު މެޗުގެ އިތުރު ވަގުތުކޮޅުގައި އަހުމަދު ހަސަން ކާމިޔާބު ކޮށްދިނީ އިބްރާހިމް ފުރްގާން ނަގައިދިން ހުރަހަކުންނެވެ.

ލީގްގައި ކޮންމެ ޓީމަކަށް ވެސް ބާކީ ހަތަރު މެޗު އޮތްއިރު ދެން މެޗެއް އޮންނާނީ އަންނަ އާދިއްތަ ދުވަހުއެވެ. އެދުވަހު ހަވީރު ކުޅޭ މެޗުގައި ކުލަބް އީގަލްސް އިން ވިކްޓަރީ އާއި ދެކޮޅަށް ނިކުންނައިރު އެރޭ ކުޅޭނީ ޓީސީ ސްޕޯޓްސް އާއި ނިއު ރޭޑިއަންޓްގެ މެޗެވެ.