ދެހާސް ބާރަ ވަނަ އަހަރު ނުކުތް، ކަރަން ޖޯހަރުގެ "ސްޓުޑެންޓު އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތައާރަފުވި ސިދާރްތު މަލޯތުރާ އަދި އާލިއާ ބަޓް އަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާ ޖޯޑެކެވެ.

ދެ މީހުންގެ މެދުގައި އެކުވެރިކަމުގެ އިތުރުން އެހެން ގުޅުމެއް އޮތް ކަމަށް އާލިއާ އަދި ސިދާރްތު ވެސް އެއްބަސް ވެފަ އެއް ނުވެއެވެ. އަދި ދެމީހުންނަކީ ވަރަށް ގާތް ދެ އެކުވެރިން ކަމަށް އަބަދު ވެސް ދިޔައީ ބުނަމުންނެވެ. ނަމަވެސް ދެމީހުން ހަފްލާތަކަށް ދަނީ އެކުގައެވެ. އަދި އެކުގައި ޗުއްޓީ ހޭދަކުރަނިކޮށް ވެސް ވަނީ ފެނިފައެވެ.

ޚަބަރުތައް ބުނާ ގޮތުން، ގިނަ ބަޔަކަށް ކަމުދިޔަ ޖޯޑު މިހާރު ވަނީ ވަކިވެފަ އެވެ. ދެމީހުން ވަކިވެފައި ވަނީ ކެރިއަރަށް ސަމާލުކަން ދިނުމަށް ކަމަށްވެއެވެ.

އެގޮތުން ދެ މީހުންގެ ގުޅުން ނިންމާލާފައި ވަނީ "ޑްރީމް ޓީމް" ޓުއާއަށް ފަހުގައި ކަމަށާއި، ޓުއާއަށް ފަހު ދެމީހުން އެކަކު އަނެކަކާ ބައްދަލު ނުކުރާ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

އެފަދަ ޚަބަރުތަކެއް ފެންމަތިވެފައި މިވަނީ ސިދާރްތު އެންމެ ފަހުން ކުޅުނު ފިލްމު "ބާރް ބާރް ދޭކޯ" އަށް އެކަށީގެންވާ ކާމިޔާބެއް ނުލިބުމުގެ ސަބަބުން، ކެރިއަރަށް އިތުރު ސަމާލު ކަމެއް ދޭނެ ކަމަށް ސިދާރްތު ބުނެފައި ވަނިކޮށެވެ.

އާލިއާ ވެސް އަންނަނީ މިހާރު ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.