20 Sep 2016, 23:53
ޕީޕީއެމްގެ ސަރުކާރު ވައްޓާލެވޭ ވަރުގެ ހިތްވަރެއް އިދިކޮޅު އިއްތިހާދުގައި ނެތް ކަމަށާއި އިދިކޮޅު އިއްތިހާދުގެ ލީޑާޝިޕް އޮތީ ފެއިލްވެފައި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
މިރޭ ސަންޓީވީގެ "50 މިނިޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ، އިދިކޮޅު އިއްތިހާދުގެ ލީޑާޝިޕް އަދި އެމްޑީޕީގައި ވެސް ތިއްބެވީ ފެއިލްވެފައި ތިއްބެވި ބޭފުޅުން ކަމަށާއި، ގާނޫނީ ގޮތުން އުފެދިފައި އޮންނަ ވެރިކަމެއް ވައްޓާލުމަކީ އެފަދަ ބަޔަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެމްޑީޕީ އުފެދުނު ދުވަސްވަރު ލީޑާޝިޕުން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި މޫސަ ވިދާޅުވީ، އޭރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ނުކުތް އެމްޑީޕީން ކުރިވަރުގެ މަސައްކަތްތަކެއް މިއަދު އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ނުކުރެވޭ ކަމަށެވެ.
"އިއްތިހާދަށް 100 ދުވަސް ވީއިރު، 2000 މީހުން މަގުމައްޗަކަށް އެކެއްނުވޭ. އަޅުގަނޑު ވަރަށް ހެއްވާކޮށް އެކަން ނަގަނީ. އެހެންވެ މި ދަންނަވަނީ [އިދިކޮޅު އިއްތިހާދުގެ] ލީޑާޝިޕް ފޭލިވެފައޭ އޮތީ. ސަރުކާރެއް ވައްޓާކަށް ނިކުންނަ ވަރުގެ ހިތްވަރެއް އެ ފަރާތްތަކުގެ ނެތޭ. އަނެއްކާ ވެއްޓޭނެ އުސޫލެއްވެސް ނެތޭ. އެބޭފުޅުން ކިތައް ކަންތައް ކޮށްފިތޯ،" މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ، ގާނޫނީގޮތުން އުފެދިފައި އޮންނަ ވެރިކަމެއް ވައްޓާލަން ކުރިއަށް އޮތްތާނގައި އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، އިދިކޮޅު ފަރާތެއްގެ ގޮތުގައި އޮތް އެމްޑީޕީއަށް މިއަދު އިދިކޮޅު ފަރާތެއްގެ ޒިންމާ ފުރިހަމައަށް އަދާ ކުރެވޭކަމުގައި އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ. މޫސަ ވިދާޅުވީ އިދިކޮޅު އިއްތިހާދުގައި ވެސް އެއްވެސް ބުރަދަނެއް ނެތް ކަމަށެވެ.
"އަރުވާލެވިގެން ތަނެއްގަ ތިބި ބަޔަކާ ޖަލުގަ ތިބި ބައެއްގެ ނަން ބޭނުންކޮށްގެން އިއްތިހާދެއް ހެދުމަކީ އެއީ އެމީހުންގެ ފަހަތުން އެމްޑީޕީއަށް ކުރިއެރުމެއް އޮތްކަމެއް ނޫނޭ. ސިޔާސީ ގޮތުން އެމްޑީޕީއަށް އެގޮތުގައި ކުރިއެރުމެއް ނުލިބޭނެ،" މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ، ރަނގަޅު ގޮތުގައި އެމްޑީޕީ ކުރިއަށްގެންދަން ޕާޓީގެ ލީޑާޝިޕްގެ ހުރިހާ ފަރާތްތަކަށް ކުރީގައި ޕާޓީގެ އިސް ބޭފުޅެއްގެ ގޮތުގައި ހުރި، އަދި ޕާޓީދެކެ "ލޯބިވާ" މީހެއްގެ ހައިސިއްޔަތުން ގޮވާލާ ކަމަށެވެ.
މިހާރު އެމްޑީޕީގެ ދާއިރާތައް ހުރި ކައުންސިލްތަކަށް އިއްތިހާދުގެ ތެރެއިން މެންބަރުން ލައިގެން ނުވާނެ ކަމަށާއި އެއީ ޕާޓީއަށް ލިބޭނެ ބޮޑު ނިކަމެތިކަމެއް ކަމަށް މޫސަ ވިދާޅުވި އެވެ. އަދި އެމްޑީޕީގެ މެންބަރުންނަށް އެ ފުރުސަތު ދޭންޖެހޭ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.