ވޮޝިންގޓަން: 2012 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ބައިވެރިވަޑައިގަންނަވާ ކެންޑިޑޭޓް ހޮވުމަށް ބާއްވާ ޕްރައިމަރީގެ ރޭހަށް އެމެރިކާގެ މަހުޖަނެއް ކަމަށްވާ މިޓް ރުމްނީ ވެދެވަޑައިގެންފި އެވެ.

ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީއަށް ވެދެވަޑައިގެންނެވިކަން އިޢްލާން ކުރައްވަމުން މަސަޗޫސެޓްސް ގެ ގަވަރނަރު ކަމުގެ މަޤާމް އަދާކުރައްވާފައިވާ ރުމްނީ ވިދާޅުވީ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އެމެރިކާގެ އިޤްތިސާދު ދަށަށް ގޮސް އެމެރިކާ ފަގީރު ވެފައިވާ ކަމަށެވެ.

އެމެރިކާގެ ރިޔާސަތަށް އޭނާ އިންތިޚާބު ކޮށްފިނަމަ އެމެރިކާއަކީ ދުނިޔޭގައި ވަޒީފާ އެންމެ ގިނައިން އުފައްދާ ޤައުމުކަމަށް ހައްދަވާނެ ކަމަށާއި ފެޑްރަލް ޚަރަދުތައް ކުޑަކޮށްގެން އިޤްތިސާދީ ބޮޑު ތަނަވަސްކަމެއް ވެސް އެމެރިކާގެ ރައްޔިތުންނަށް ގެނަސްދޭނެ ކަމަށް ރުމްނީ ވިދާޅުވިއެވެ.

2012 ވަނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ބައިވެރިވާ ކެންޑިޑޭޓަކަށް ވުމުގެ ފުރްސަތު މިފަހަރު އެންމެ ބޮޑީ ރުމްނީ އަށް މުރާސިލުން ބުނެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކޭންޕޭންތަކަކީ ތަފާތު ވަޢްދުތަކާއި ޝިޢާރުތައް ބޭނުންކޮށްގެން ރައްޔިތުންގެ ސަމާލުކަން ހޯދުމަށް ކެންޑިޑޭޓުން އާދަޔާ ޚިލާފު މަސައްކަތްތަކެއްކުރާ އިންތިޚާބަކަށްވިޔަސް އިންތިޚާބު ކާމިޔާބު ކުރައްވައިގެން ވައިޓް ހައުސް އަށް ވަޑައިގަންނަވާ ގިނަ ރައީސުންނަށް އެބޭފުޅުންގެ ވަޢްދުތައް ނުފުއްދޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރުމްނީގެ ކާމިޔާބީ ބިނާވެފައިވަނީ ތަފާތު ވަޢްދުތަކާއި ޝިޢާރުތައް ބޭނުންކޮށްގެން އެމެރިކާގެ ރައްޔިތުންގެ ސަމާލުކަން ހޯދުމުގެ ހުނަރު އޭނާގެ ކިބާގައި ހުރި މިންވަރެއްގެ މައްޗަށް ކަމަށް އޮބްޒާވަރުން ބުނެއެވެ.

2008 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ހޮވުމަށް ރިޕަބްލިކަން ޕާޓީގެ ފަރާތުން ބޭއްވި ޕްރައިމަރީގައި ސެނެޓާ ޖޯން މެކޭން އާ ވާދަކުރައްވައިގެން ރުމްނީވަނީ ފޭލްވެ ވަޑައިގެންފައެވެ. އެހެންކަމުން މިއީ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ރުމްނީ ބައިވެރިވެ ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. -- ބީބީސީ