20 Sep 2016, 20:45
ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމުގައިވާ ބްރެޑް ޕިޓާއި އެންޖެލީނާ ޖޯލީގެ ދެމެދުގައި ހައްލު ނުކުރެވޭ ފަދަ މައްސަލަތަކެއް ދިމާވެ، ދެ އަހަރުވީ ކައިވެނި ނިންމާލަން އެންޖެލީނާ ޖޯލީ މިހާރު ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ޖޯލީ އާއި ޕިޓް މިހާރު ވަކިވެފައިވާ ކަމަށާއި، ވަރިވާން ކޯޓަށް ހުށަހަޅާފައިވާ ކަން ޖޯލީގެ ވަކީލު ވެސް ވަނީ ޔަގީންކޮށްދީފައެވެ.
ޖޯލީގެ ވަކީލާއި ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން، ބްރެޑް ޕިޓް ކައިރިން ވަރިވާން އެދި އެންޖެލީނާ ޖޯލީ ހުށަހަޅާފައި ވަނީ މިއަދު އެވެ.
ޖޯލީގެ ވަކީލު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދެމީހުން ވަރިވާން ނިންމީ އެއީ އާއިލާއަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ އެވެ.
"އެ ނިންމުމާ ގުޅޭގޮތު އޭނާ (ޖޯލީ) އިތުރު އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވޭ. އަދި ޖޯލީ އެދެނީ އެ ނިންމުމަށް އިހުތިރާމު ކޮށް، އާއިލާއަށް ޕްރައިވެސީ ދިނުމަށް،" ވަކީލު ބުނެފައިވެ އެވެ.
ޚަބަރުތައް ބުނާގޮތުން ޕިޓް ކައިރިން ޖޯލީ ވަރިވާން ބޭނުންވާ ސަބަބެއް ކަމުގައި ބުނެފައި ވަނީ ދަރިން ބެލުމުގައި ދެމީހުންގެ ދެމެދުގައި ޚިޔާލު ތަފާތުވުން އުފެދި ހައްލު ނުކުރެވޭ ފަދަ މައްސަލަތަކެއް ދިމާވުން ކަމަށެވެ.
އެޑޮޕްޓް ކޮށްފައިވާ ތިން ކުދިންނާ އެކު ދެ މީހުންނަށް މިހާރު ހަ ކުދިން ވަނީ ލިބިފައެވެ. ޖޯލީ ވަނީ ހަ ކުދިންގެ ބެލެނިވެރިކަން ހަމައެކަނި އޭނާއަށް ދިނުމަށް އެދިފައެވެ.
ބްރެޑް ޕިޓާއި އެންޖެލީނާ ކައިވެނިކޮށްފައި ވަނީ 2014 ވަނަ އަހަރު އެވެ. ކައިވެންޏަށް ދެ އަހަރު ވީނަމަވެސް، ދެ މީހުން އެކުގައި އުޅެމުން އަންނަތާ މިހާރު 12 އަހަރު ވެއްޖެ އެވެ.