އުރީދީ ދިވެހި ޕްރިމިއާ ލީގްގައި ކްލަބު ވެލެންސއާ 0-1ގެ ނަތީޖާ އަކުން ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ލީގުގެ ގަދަ ހަތަރެއްގައި ހިމެނުމުގެ އުންމީދު އާކޮށްފިއެވެ.

މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު އެ މެޗުގެ ނަތީޖާ އާ އެކު ވެލެންސިއާ ކުޅުނު 17 މެޗުން އެޓީމަށް ޖުމުލަ 20 ޕޮއިންޓް ލިބިގެން އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ. ފަސް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ 17 މެޗުން 19 ޕޮއިންޓް ހޯދާފައި ވާއިރު މިއަދުގެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު 17 މެޗުން ނިއުއަށް ވެސް 19 ޕޮއިންޓް ލިބުނު ނަމަވެސް އެ ޓީމު ތާވަލުގެ ހަ ވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.

މިއަދުގެ އެ މެޗު ފެށިގެން ފުރަތަމަ ހަމަލާއެއް އުފެއްދީ ވެސް ނިއުއިންނެވެ. ނަމަވެސް ހަމްޒާ މުހައްމަދު (ހަމްޕު) ވެލެންސިއާގެ ޕެންލަޓީއޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލު ކުރިމަތިން އެޓީމުގެ އަކްރަމް އަބްދުލް ޣަނީ ވަނީ ދިފާއުކޮށްފައެވެ.

ނިއުގެ ހަމަލާއަށް ފަހު ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ ވެލެންސިއާ އިންނެވެ. އެ ޓީމްގެ ހަސަން އަދުހަމް އަށް ވަނީ ގޯލު ޖަހާނެ ހުސް ދެ ފުރުސަތު ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފްގައި ނިއު ރޭޑިއަންޓަށް ލީޑް ލިބުނީ ވެލެންސިއާ ޕެންލަޓީ އޭރިއާ ތެރެއިން ހަމްޕުއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕަނަލްޓީއެއްގައެވެ. އެ ޕެނަލްޓީ ނިއުގެ ކެޕްޓަން އަހުމަދު ނިޔާޒު ކާމިޔާބުކުރީ ވެލެންސިއާގެ ކީޕަރުގެ އަތުގައި ޖެހި ބޭރަށް ނިކުތް ބޯޅަ ގޯލުގެތެރެއަށް ވައްދާލައިގެންނެވެ.

ނިއުގެ ގޯލަށް ފަހު ވެސް އެ ޓީމަށް ވަނީ ލީޑު އިތުރަށް ފުޅާ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ހަމްޕު ވެލެންސިއާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ޕެނަލްޓީ ދިން ޕާހަކުން، އޭރިއާ ތެރޭގައި ހުސްކޮށްހުރި އިއްޒަތު އަބްދުލްބާރީ ފޮނުވާލި ބޯޅަ ކީޕަރު މުހައްމަދު ފައިސަލް ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފަހު ވަގުތުކޮޅުގައި ވެލެންސިއާއިން ގޯލެއް ކާމިޔާބުކުރުމަށް ގިނަ މަސަތްކަތްތަކެއް ކުރިނަމަވެސް އެޓީމުގެ ހަންސްލޭ އަވީލޯ އާއި އެންޖަލް މުނޯޒް ފޮނުވާލި ހަމަލާ ތަކުގެ ހުރަހަކަށްވީ އެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ނިއުގެ ކީޕަރު ޖުން ކޮޗީއެވެ.