ނޭޝަނަލް ޔޫރޯރީނަލް އެންޑް ފާޓިލިޓީ ސެންޓަރު އަންނަ މަހު ހުޅުވާނެ ކަމަށް ސަރުކާރުގެ ހޮސްޕިޓަލް، އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ ސީއީއޯ ފަރުހަތު ޝަހީރު "ސަން"އަށް މިއަދު ވިދާޅުވީ، ކުޑަކަމުދާ ނިޒާމުގެ މައްސަލަތައް ޓެސްކުރެވެން މިހާރު އެ ހޮސްޕިޓަލުގައި ނެތް ކަމަށެވެ. އަދި ވިދާޅުވީ، އެ ސެންޓަރު ހުޅުމުގެ ސަބަބުން، ކުޑަކަމުދާ ނިޒާމަށް ދިމާވާ އެކި މައްސަލަތަކަށް އޮޕަރޭޝަން ކުރެވޭނެ މަގު ތަނަވަސް ވެގެންދާނެ ކަމަށެވެ.

" ހަމަ އެހެންމެ ފިރިހެނުންގެ ދަރިމައި ވުމުގެ މައްސަލަތަކަށް ވެސް މި ސެންޓަރުން ޓްރީޓު ކުރާނެ،" ފަރުހަތު ވިދާޅުވި އެވެ.

އިންޑިއާގެ ބެންގަލޫރުގައި ހުންނަ އެންޔޫ ހޮސްޕިޓަލާ ހަވާލުކޮށްގެން ގާއިމްކުރި އެ ސެންޓަރަކީ ކުޑަކަމު ދިއުމުގެ ނިޒާމުގެ ބަލިތަކާއި ގުރުދާ ނުވަތަ ކިޑްނީގެ ބަލިތަކަށް އަދި ދަރިން ހޯދުމުގައި ފިރިހެނުންނަށް ދިމާވާ މައްސަލަތަކަށް ހާއްސަ ފަރުވާދޭ ސެންޓަރެކެވެ.

ފަރުހަތު ވިދާޅުވީ، އަންނަ މަހުގެ ތެރޭގައި ނޭޝަނަލް ޔޫރޯރީނަލް އެންޑް ފާޓިލިޓީ ސެންޓަރު ހުޅުވިގެންދާއިރު އަންނަ މަހުގެ ތެރޭގައި އައިޖީއެމްއެޗުން އާ އައިސީޔޫއެއް ވެސް ހުޅުވާނެ ކަމަށެވެ. ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހަދާ އެ އައިސީޔޫގައި 15 އެނދު ހުންނާނެ ކަމަށް ފަރުހަތު ވިދާޅުވި އެވެ. އައިޖީއެމްއެޗުގައި މިހާރު ހުރި އައިސީޔޫއަކީ އަށް އެނދުގެ އައިސީޔޫ އެކެވެ.

އައިޖީއެމްއެޗުގައި މުޅިން އާ އައިސީޔޫއަކާއި ނޭޝަނަލް ޔޫރޯރީނަލް ސެންޓަރެއް އަންނަ މަހުގެ ތެރޭގައި ހުޅިވިގެންދާއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11ވަނަ ދުވަހު އެ ހޮސްޕިޓަލުގައި ވަނީ އެމްއާރްއައި މެޝިނެއްވެސް ބަހައްޓާފައެވެ.