މީލާދީ ގޮތުން 18 އަހަރު ނުފުރޭ ކުދިން ކައިވެނި ކުރަން ބޭނުން ނަމަ މިނިސްޓްރީ އޮފް ފެމިލީ އެންޑް ޖެންޑަގެ އެސެސްމެންޓް ރިޕޯޓަކާ އެކު ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭ ގޮތަށް އާއިލާއާ ބެހޭ ގަވާއިދު އިސްލާހު ކޮށްފި އެވެ.

އާއިލާއާ ބެހޭ ގަވާއިދު އިސްލާހުކޮށް ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި މިއަދު އާންމުކޮށްފައިވާ އިރު، އެގަވާއިދުގެ 85 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ 18 އަހަރު ނުފުރޭ ކުއްޖަކު ކައިވެނިކުރަން ބޭނުން ނަމަ އާއިލާއާ ބެހޭ ކޯޓުން ސުޕްރީމް ކޯޓަށް ލިޔެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.

ހުއްދަޔަށް އެދޭއިރު މިނިސްޓްރީ އޮފް ފެމިލީ އެންޑް ޖެންޑަގެ އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަން ޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.

މީގެ ކުރިން ގަވާއިދުގައިވާ ގޮތުން 18 އަހަރު ނުފުރޭ ކުއްޖެއްގެ ކައިވެނި ރަށު ކޯޓަކުން ނުކުރެވޭނެ އެވެ. އެކުދިންގެ ކައިވެނި ކުރެވޭނީ ހަމައެކަނި ފެމިލީ ކޯޓުންނެވެ.

އާއިލާއާ ބެހޭ ގަވާއިދަށް އިތުރު އިސްލާހެއް ވެސް މިއަދު ވަނީ ގެނެސްފަ އެވެ. އެގޮތުން ހާކިމުގެ ވަލީއަށް ކައިވެނި ކުރުމުގެ ދެވޭނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށް ކަނޑައަޅައި ގަވާއިދު ވަނީ އިސްލާހު ކޮށްފަ އެވެ.

އެގޮތުން ހާކިމުގެ ވަލީއަށް ކައިވެނި ކުރުމަށް ފެމިލީ ކޯޓަށް ހުށަހެޅުމުން އެކަން ސުޕްރީމް ކޯޓަށް ހުށަހަޅައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ލަފާގެ މަތިން އެ ހުއްދަ ދޭނީ އުއްތަމަ ފަނޑިޔާރު ކަމަށް ގަވާއިދުގައި ވަނީ ކަނޑައަޅާފަ އެވެ.

ރަށްރަށުގެ ކޯޓުތަކަށް ހާކިމުގެ ވަލީއަށް ކައިވެނި ކުރުމަށް އެދި ހުށަހެޅުމުން ވެސް އުއްތަމަ ފަނޑިޔާރުގެ ހުއްދައާ ނުލައި ކައިވެނި ނުކުރެވޭ ގޮތަށް ގަވާއިދު ވަނީ އިސްލާހުކޮށްފަ އެވެ.

މީގެ ކުރިން ގަވާއިދުގައިވާ ގޮތުން ހާކިމުގެ ވަލީއަށް ކައިވެނި ކުރުމަށް ރަށު ކޯޓަކަށް ނުވަތަ ފެމިލީ ކޯޓަކަށް ހުށަހެޅި ނަމަވެސް އެ ހުއްދަ ދޭނީ ފެމިލީ ކޯޓު ހިންގުމާ ހަވާލުވެ ހުރި އެންމެ އިސް މީހެކެވެ.