20 Sep 2016, 15:48
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އާ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ)އާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމަށް އެއްބަސްވެއްޖެ އެވެ.
މަޓާޓޯ އާއި ޕާޓާއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު، އިންޑޮނޭޝިއާގެ ޖަކާޓާގައި ޕާޓާއިން ބޭއްވި "ޕާޓާ ޓްރެވަލް މާޓު 2017"ގެ ހަވާސާގައި ބޭއްވި ހަފްލާއެއްގަ އެވެ. އެމްއޯޔޫގައި ސޮއި ކުރެއްވީ މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް އަދި ޕާޓާގެ ސީއީއޯ ޑރ. މާރިއޯ ހާޑީ އެވެ.
އެ އެމްއޯޔޫ އެކުލަވައިލީ ދެ ޖަމިއްޔާގެ ދެމެދު އެކިއެކި ފުރުސަތުތަކާއި ވަސީލަތްތަކުގެ ގޮތުން އެހީތެރިވެދީ، އެއްބާރުލުން ދިނުމަށެވެ.
މަޓާޓޯއިން ބުނާ ގޮތުގައި، މަޓާޓޯއާ ޕާޓާއާ ދެމެދު ވެވުނު އެއްބަސްވުމަކީ އެ ޖަމިއްޔާގެ ދެމެދު މީގެ ކުރިން ބާއްވަމުން އައި ގާތް ގުޅުމެއްގެ ނަތީޖާ އެވެ.
ޕާޓާގެ މެމްބަރުންގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 8،000 އަށް ވުރެ ގިނަ ޖަމިއްޔާ ތިބޭ އިރު، ޕާޓާގެ 43 ގޮފި ދުނިޔޭގެ އެކި ގައުމުތަކުގައި ހުރެ އެވެ.
މަޓާޓޯގެ ރައީސް ގިޔާސް ވިދާޅުވީ ޕާޓާއާ އެކު އެކުލަވާލި ޕާޓްނަޝިޕުގެ ދަށުން މަޓާޓޯއަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށާއި، ޕާޓާގެ ފަރާތުން މަޓާޓޯއަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދާނެ ކަމަށެވެ.
"މަޓާޓޯއިން ކުރިޔަށް އޮތް ތަނުގައި ޕާޓާގެ ހަރަކާތްތަކާ ޕްރޮގްރާމުތަކުގައި ގިނަ ގިނައިން ބައިވެރިވާނެ، އަދި ޕާޓާގެ ހަރަކާތެއް ވަރަށް އަވަހަށް ރާއްޖޭގައި ބޭއްވުމަށް ވެސް މަސައްކަތް ކުރާނަން،" ގިޔާސް ވިދާޅުވި އެވެ.
ޕާޓާގެ ސީއީއޯ ޑރ. މާރިއޯ ހާޑީ ވެސް ވިދާޅުވީ އެގްރިމެންޓުގެ ދަށުން ދެ ޖަމިއްޔާއަށް ވެސް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.