ސަންޢާ : މިދިޔަ ހުކުރުދުވަހު ޔަމަންގެ ރިޔާސީ ގަނޑުވަރަށް އެރި ރޮކެޓް ހަމަލާގައި ޒަޚަމްވެ ވަޑައިގެންނެވި އެޤައުމުގެ ރައީސް ޢަލީ ޢަބްދުﷲ ސާލިޙް އިތުރު ފަރުވާ ހޯއްދެވުމަށްޓަކައި ސައޫދީ އަރަބިޔާއަށް ވަޑައިގެންފިއެވެ.

އަލްޖަޒީރާ ޚަބަރުދޭގޮތުގައި އެހަމަލާގައި ބުރައިގެންގެންދިޔަ އަލިފާން ކަނިތަކެއް ޖެހުމުގެ ސަބަބުން ރައީސް ސާލިހްގެ މޫނުގެ ބަޔަކާއި މޭމަތީގެ ބައެއް ތަންތަންވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ.

ރައީސް ސާލިޙަށް ލިބިފައިވާ މި ގެއްލުންތަކަށް ފަރުވާ ދިނުމަށްޓަކައި އޭނާ ފުރަތަމަ އެޑްމިޓް ކުރެވުނީ ޔަމަންގެ ހޮސްޕިޓަލެއްގަ އެވެ. އެއަށްފަހު އިތުރު ފަރުވާހޯއްދެވުމަށްޓަކައި ސަޢޫދީ އަރަބިޔާއަށް ވަޑައިގަތުމަށް ސާލިހް ނިންމެވީ ސަޢޫދީ ރަސްގެފާނުގެ ދަޢްވަތަކާ ގުޅިގެން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ރައީސް ސާލިޙްގެ ރިޔާސީ ގަނޑުވަރަށް ހުކުރު ދުވަހު ދިން ރޮކެޓް ހަމަލާގައި ހަތް މީހަކު މަރުވެފައިވާއިރު މީގެތެރޭގައި ޔަމަން ސަރުކާރުގެ މެދުފަންތީގެ ބައެއް މަސްއޫލުވެރިންެ ވެސް ހިމެނިވަޑައިގަންނަވައެވެ.
ރިޔާސީ ގަނޑުވަރަށް ރޮކެޓް ޙަމަލާ އަރާފައިވަނީ އެޤައުމުގެ ބާރުގަދަ ގަބީލާތަކެއްގެ ހަނގުރާމަވެރިންނާއި ރައީސް ސާލިޙްގެ ބާރުތަކާ ދެެމެދު ވެރިރަށް ސަންޢާގައި ހަތިޔާރުގެ ކުރިމަތިލުންތަކެއް ހިނގަމުން ދަނިކޮށެވެ.

ނަމަވެސް ރިޔާސީ ގަނޑުވަރަށް ދިން ރޮކެޓް ހަމަލާއާ ގުޅުމެއްނެތް ކަމަށް ސާލިޙްގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޔަމަންގެ އައްސާދިޤުލްއަޙްމަރުގެ ހަނގުރާމަވެރިން ބުނެއެވެ. އައްސާދިޤުލްއަޙްމަރުގެ ހަނގުރާމަވެރިންނާއި ރައީސް ސާލިޙްގެ ބާރުތައް ސުލްހަ ކުރުވުމަށް ސަޢޫދީ ސަރުކާރުން މެދުވެރިއެއްގެ ބައި އަދާކުރަން ފެށުމާއެކު ދެފަރާތުގެ ޙަމަލާތައް މިހާރުުވަނީ ވަގުތީ ހުއްޓުމަކަށް އައިސްފައެވެ. -- ބީބީސީ