ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ފުރަތަމަ ބިރުވެރި ދިވެހި ފިލްމު، "4426"ގެ ޕްރޮމޯޝަނަލް ލަވަ އަންނަ ހޮނިހިރު ދުވަހުގެ ރޭ ރިލީޒްކުރަން ނިންމައިފި އެވެ.

އެ ލަވަ ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އާއްމުކޮށް ހުޅުވާލައިގެން އެ ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގެ އައުޓް ޑޯ ސްޓޭޖުގައި ބާއްވާ ހާއްސަ ޝޯއެއްގަ އެވެ.

ނަހުލާ ބުނި ގޮތުގައި، "4426"ގެ ޕްރޮމޯޝަނަލް ލަވަ ކިޔާނީ މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖުން އާއްމުންގެ ބޮޑު މަގްބޫލުކަމެއް ލިބުނު ލަވަކިޔުންތެރިޔާ، ޑރ. އަހުމަދު ޝަމްރާހެވެ.

އެ ލަވަ ކިއުމަށް، ރަޝިޔާގެ "ވޮއިސް" ޝޯވްގައި ވެސް ރަޝިއާ ބަހުން ލަވަ އެއް ހުށަހަޅައިދީ ފަނޑިޔާރުން ހައިރާންކޮށްލި އަދި ޕްލާސްޓިކް ސާޖަނެއްގެ ގޮތުގައި މިހާރު ރަޝިޔާގައި ކިޔަވަމުން އަންނަ ޝަމްރާހު ވަނީ ރަޝިއާއިން މާލެ ވެސް ގެނެސްފަ އެވެ.

"4426" ގެ ޕްރޮމޯޝަން ލަވައިގެ މިއުޒިކް ހަދައިދީފައި ވަނީ ޒުވާން ކޮމްޕޯސަރު އަދި އެރޭންޖާރ ފަތުހުއްﷲ ޝަކީލް ހުސެއިންނެވެ. އަދި ލިރިކްސް ހަދާފައިވަނީ ނަހުލާގެ ފިލްމުތަކުގައި ހިމެނޭ އަސަރު ގަދަ ގިނަ ލަވަތަކެއް ވެސް ހަދާފައިވާ މައުސޫމް ޝާކިރެވެ.

ޝަމްރާހުގެ އިތުރުން ޝޯގައި މޯލްޑިވިއަން އައިޑަލްގެ ދެވަނަ ހޯދި ޝަލަބީ އިބްރާހިމާއި ޔާމީން ރަޝީދާއި މީރާ މުހައްމަދު މާޖިދުގެ އިތުރުން ރާފިޔަތު ރަމީޒާ އަހުމަދު އިބްރާހިމް (އައްމަޑޭ) އަދި ލަމްހާ ލަތީފް ލަވަކިޔާނެ އެވެ.

ނަމަވެސް ނަހުލާ ބުނި ގޮތުގައި އެ ލަވަކިޔުންތެރިން ޝޯގައި ހުށަހަޅައިދޭނީ އޭނާގެ ކަވާ ލަވަތަކެކެވެ.

ހަގީގީ ހާދިސާ އަކަށް ބިނާކޮށް ތައްޔާރު ކުރާ އެ ފިލްމުގައި ނަހުލާގެ އިތުރުން އަހުމަދު ޝިނާން ވެސް ޑައިރެކްޝަން ހަދާފައިވާ އިރު، ނަހުލާ ބުނެފައިވަނީ އެއީ އޭނާގެ ފިލްމު ކެރިއަރުގައި ކުރާ އެންމެ ބުރަ މަސައްކަތް ކަމަށެވެ.

ފިލްމުގައި ރާއްޖޭގެ ތަޖުރިބާކާރު ފިލްމީ ތަރިންގެ ތެރޭގައި ހިމެނޭ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ޝީލާ ނަޖީބުގެ އިތުރުން ޒުވާން އަދި ކުރިއަރަމުން އަންނަ ތަރިންގެ ތެރޭގައި ހިމެނޭ ޖުމައްޔިލް ނިމާލާއި މަރިޔަމް އައްޒަ އަދި އަހްމަދު ޖުމައިހް (ޖުމާ) ފެނިގެންދާނެ އެވެ.

އޯޕަން ބަޖެޓަކާ އެކު ހަދާ އެ ފިލްމުގެ މަންޒަރުތައް މާލެ އާއި މާލެ ކައިރި ދެ ރަށެއްގައި ނަގާފައިވާއިރު ހާއްސަކޮށް ޑިޒައިންކޮށްފައިވާ ސެޓެއްގައި ވެސް މަންޒަރުތަކެއް ވަނީ ނަގާފަ އެވެ.

އަންނަ އޮކްޓޯބަރު 18 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ އެ ފިލްމުގެ ޓިކެޓް ވިއްކުން އޮންލައިންކޮށް ބުކިން ހެދުން ހުއްޓާލާފައިވާއިރު، އޮލިމްޕަހުން މިހާރު ދަނީ އެ ފިލްމުގެ ޓިކެޓްތައް ވިއްކަމުންނެވެ.