20 Sep 2016, 15:18
ރިޔާދު (ސެޕްޓެމްބަރު 20): ސައުދީ އަރަބިއާގެ އަސްކަރިއްޔާއަށާއި އެހެން ބައެއް އިދާރާތަކަށް ހަމަލާ ދޭން ރޭވި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ 17 މީހަކު ހައްޔަރުކޮށްފި ކަމަށް ސައުދީން ބުނެފި އެވެ.
ސައުދީ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 16 ފިރިހެނުންނާއި އަންހެނެކެވެ. އޭގެ ތެރޭގައި ސައުދީއަށާއި، ޔަމަނަށާއި، މިސްރަށާއި، ފަލަސްތީނަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
"އައިއެސްއާ ގުޅުން ހުރި ވިއުގައަކުން ރާވަމުން ދިޔަ ހަމަލާއެއް ހުއްޓުވާލާފައި ވަނީ ގިނަ މަސްތަކެއް ވަންދެން މަސައްކަތްކޮށްގެން. އެ މީހުން ވަނީ ސަލާމަތީ އޮފިޝަލުންނަށާއި، އިގުތިސާދީ އަދި އަސްކަރީ އިދާރާތަކަށާއި އާއްމުންނަށް ހަމަލާދޭން ރާވާފަ،" އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައިވެ އެވެ.
އެ މިނިސްޓްރީން ލަފާ ކުރާ ގޮތުގައި އައިއެސްއިން ރޭވީ ޑިފެންސް މިނިސްޓްރީގެ މުވައްޒަފެއްގެ ކާރުގައި ބޮމެއް ހަރު ކުރުމަށެވެ. އަދި އެ މީހުން ވަނީ ރިމޯޓުން ކޮންޓުރޯލް ކުރާ އާލާތަކުން ދަރިވަރުންތަކަކަށް ހަމަލާ ދޭން ރާވާފަ އެވެ.
ދެހާސް ސާދައިގެ ފަހުން އައިއެސްއިން ވަނީ ސައުދީ އަރަބިއާގެ ޝީޢީންނަށާއި ފުލުހުންނަށް ދިން ގިނަ ހަމަލާތަކުގެ ޒިންމާ ނަގާފަ އެވެ. (އޭއެފްޕީ)