20 Sep 2016, 15:12
ހައްޖުވެރިން ގޮވައިގެން ސައުދީ އަރަބިއްޔާގެ ޖިއްދާއިން ފިލިޕީންސްގެ މެނީލާއަށް އައި ސައުދިއާ އެއާލައިންސްގެ ފްލައިޓުގެ ޕައިލެޓަށް އޮޅިގެން ޑިސްޓްރެސް ކޯލް ދެވި، އެއާޕޯޓު އެލާޓަށް ގެނެސްފި އެވެ.
މެނީލާގެ ނިނޯއި އަކީނޯ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ސައުދިއާ އެއާލައިންސް ފްލައިޓުގެ ޕައިލެޓު ވަނީ އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލަށް ޑިސްޓްރެސް ކޯލެއް ފޮނުވައިފަ އެވެ.
ޑިސްޓްރެސް ކޯލް ފޮނުވާނީ ފްލައިޓުގައި ވަރަށް ބޮޑު ނުރައްކާތެރި ހާދިސާއެއް ދިމާވެގެންނެވެ. ނުވަތަ ފްލައިޓު ހައިޖެކް ކުރުމަށް ބަޔަކު މަސައްކަތް ކުރާ ނަމަ އެކަން އެއާ ޓްރެފިކް ކޮންޓްރޯލަށް އެންގުމަށް ޓަކަ އެވެ.
ޖިއްދާއިން ހައްޖުވެރިންނާ އެކު މެނީލާއަށް އައި ފްލައިޓު ނިނޯއި އަކީނޯ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމަށް ފަހު ވަނީ، އެއާޕޯޓު އިމާރާތާ ދުރުގައި އޮތް އެކަހެރި ސަރަހައްދަކަށް ގޮސްފަ އެވެ. އަދި ގިނަ އިރުތަކެއް ވަންދެން އެއާޕޯޓާ މުވާސަލާތު ނުކޮށް، ފްލައިޓުން ފަސިންޖަރުން ވެސް ނުބާލައި ހޭދަ ކުރުމުން އެއާޕޯޓުން ބެލީ އެއީ ހައިޖެކް ކުރުމުގެ ހާދިސާއެއް ކުރިމަތިވީ ކަމަށެވެ.
އަދި އެއާޕޯޓު އެލާޓަށް ގެނެސް، އެސަރަހައްދަށް ސަލާމަތީ ބާރުތައް ވެސް ގެނަ އެވެ.
މެނީލާ އިންޓަނޭޝަނަލް އެއާޕޯޓު އޮތޯރިޓީން ބުނީ، ފްލައިޓު މެނީލާއާ 20 މޭލު ދުރުގައި އޮތް އިރު ޑިސްޓްރެސް މެސެޖެއް ލިބުނު ކަމަށެވެ.
ފްލައިޓުން ފަސިންޖަރުން މިހާރު ފައިބައިފައިވާ އިރު، ފްލައިޓުގެ ކްރޫއިން ބުނީ އެއާޕޯޓަށް ލޭންޑު ކުރުމުގެ ތެރޭގައި ޑިސްޓްރެސް ކޯލު ފޮނުވުނީ އޮޅިގެން ކަމަށެވެ. ނިނޯއި އަކީނޯ އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖުމެންޓާއި ސައުދިއާ އެއާލައިންސް އިން ވެސް މިކަން ކަށަވަރު ކޮށްދެ އެވެ.