20 Sep 2016, 14:49
މެންޗަސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު އެ ޓީމަށް ދިމާވެފައި ވަނީ ކުޑަ ކާރިސާ އެއް ކަމަށް ޑިފެންޑަރު މަރުއޭނާ ފެލައިނީ ބުނެފިއެވެ.
ޔުނައިޓެޑް އެންމެ ފަހުން ލީގުގައި ކުޅުނު މެޗުން 1-3ގެ ނަތީޖާ އަކުން ވެޓްފޯޑް އަތުން ބަލިވެފައިވާއިރު ޔޫރޮޕާ ކަޕްގައި ފެޔަނޫޑް އަތުން ވަނީ 1-0ގެ ނަތީޖާ އަކުން ބަލިވެފަ އެވެ. އޭގެ ކުރިން ލީގުގައި މެންޗަސްޓާ ސިޓީ އަތުން ވެސް ޔުނައިޓެޑް ވަނީ 2-1ގެ ނަތީޖާ އަކުން ބަލިވެފަ އެވެ.
ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވީ ނަމަވެސް އެ ޓީމު ވަނީ ޗެމްޕިއަން ލެސްޓާ ސިޓީ ބަލިކޮށް ޗެރިޓީ ޝީލްޑް ކާމިޔާބުކޮށް ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗު ކާމިޔާބް ކޮށްފައެވެ.
"އަހަރެންނަށް ބުނެވޭނީ ޔުނައިޓެޑަށް މިވަނީ ކުޑަ ކާރިސާއެއް ދިމާވެފައޭ. ސަބަބަކީ ޔުނައިޓެޑް ކަހަލަ ޓީމެއް ޖެހިޖެހިގެން ތިން މެޗުން ބަލިވުމަކީ އާދައިގެ ކަމެއް ނޫން،" އެވަޓަން އިން 2013 ވަނަ އަހަރުގެ ސެޕްޓެމްބަރ ތިން ވަނަ ދުވަހު ޔުނައިޓެޑަށް ބަދަލުވި ފެލައިނީ ބުންޏެވެ.
ޔުނައިޓެޑަށް ދިމާވެފައިވާ ކާރިސާއިން އެ ޓީމް އަރައިގަތުމަށް ކުޅުންތެރިންނަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތަކީ ލީގް ކަޕްގައި މާދަމާ ނޯތަމްޓަން ޓައުން މޮޅުވުމެވެ.
ނަމަވެސް އެ މެޗަށް ނުކުންނައިރު ކޯޗު ހޯސޭ މޮރީނިއޯ އަށް ދިމާވާނެ އެންމެ ބޮޑު ބޮލުރިހުމަކީ މިދިޔަ ސީޒަނުގެ ބޮޑުބައި އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށް ފަހު މިސީޒަނުގައި ކުޅެން ނިކުއިން ޑިފެންޑަރު ލޫކް ޝޯ އަށް އަނިޔާގެ ސަބަބުން މާދަމާގެ މެޗުގައި ނުކުޅެވުމެވެ.