ޖަމާއަތެއްގެ ގޮތުގައި މަހާއި މަހުގެ އުފެއްދުންތައް އުފައްދާ ތަރައްގީކުރުމަށް ބޭނުންވާ މައުލޫމާތު ގެމަނަފުށީގެ ޒުވާނުންނަށް ދިނުމަށް ފިޝަރީޒް މިނިސްޓްރީން އެރަށުގައި ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮގްރާމުގައި އެ ރަށުގައި އުފައްދާފައިވާ ގެމަނަފުށި ކޯޕަރޭޓިވް ސޮސައިޓީ ބާރުވެރި ކުރުވައި އެސޮސައިޓީގެ މަގުސަދުތައް ހާސިލްކުރުމަށް އެހީތެރިވެދޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

ޖުމްލަ 30 ބައިވެރިންނާއެކު ކުރިއަށްދާ އެ ޕްރޮގްރާމުގައި ކުލާހުގައި ކިޔަވައި ދޭ ބަޔަކާއި މައުލޫތަކާ ގުޅޭ އަމަލީ ގޮތުން މަސައްކަތްކޮށް ތަޖުރިބާ ހޯދުމުގެ ބަޔެއް ހިމެނޭއިރު ޕްރޮގްރާމުގައި ކިޔަވައިދެނީ ފިޝަރީޒް މިނިސްޓްރީގެ ފަންނީ މުވައްޒަފުންނެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، އެ ޕްރޮގްރާމަކީ މަސްވެރިކަމުގެ އުފެއްދުންތައް މާކެޓްކޮށް މަސްވެރިކަމުގެ ވިޔަފާރިގެ ފުރުސަތުތައް ކޯޕަރޭޓިވްސް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދީ، އެކަމަށް ޒުވާނުން އަހުލުވެރިކުރުވުމުގެ ގޮތުން މިނިސްޓްރީން ހިންގަމުން ގެންދާ މަސްވެރިކަމުގެ ކޯޕަރޭޓިވްސްތައް އުފައްދައި، ހަރުދަނާކޮށް އެތަންތަނުގެ އުފެއްދުންތައް އިތުރުކުރުމުގެ ޕްރޮގްރާމެއް ކަމަށެވެ.