20 Sep 2016, 13:39
އަންކާރާ (ސެޕްޓެމްބަރު 20): ތުރުކީގައި ނާކާމިޔާބުވި ބަޣާވާތާ ގުޅިގެން ޓެރަރިޒަމްގެ ތުހުމަތުގައި 28،000 ޓީޗަރުން މަގާމުން ވަކިކޮށްފި އެވެ.
ތުރުކީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ނުރެއްޓިން ކަނިކިލީ ވިދާޅުވި ގޮތުގައި އެޓީޗަރުން މަގާމުން ވަކިކޮށް، އިތުރު 9،500 ޓީޗަރުން ސަސްޕެންޑުކޮށްފައި ވަނީ ތުރުކީން ޓެރަރިޒަމްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ދަށުން ކަމަށެވެ.
"އަޅުގަނޑުމެން ޓެރަރިޒަމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ދަށުން، ޓެރަރިސްޓު ޖަމްއިއްޔާތަކާ ގުޅުން ހުރި ކަމަށް ބެލެވޭ ޓީޗަރުންނާއި އެހެނިހެން ސިވިލް ސާވެންޓުންނާ ދެކޮޅަށް ވަނީ ފިޔަވަޅު އަޅާފައި،" ކަނިކިލީ ވިދާޅުވި އެވެ.
މީގެ އިތުރުން، ކަނިކިލީ ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ ތުހުމަތުގައި މީގެ ކުރިން މަގާމުން ސަސްޕެންޑުކޮށްފައިވާ 455 ޓީޗަރުންގެ ސަސްޕެންޝަން ވަނީ ތަހުގީގަށް ފަހު ބާތިލުކޮށްފަ އެވެ.
ކަނިކިލީ އެފަދައިން ވިދާޅުވެފައި ވަނީ ޗުއްޓީއަށް ފަހު ތުރުކީގެ ސްކޫލްތައް ފަށާފައި ވަނިކޮށެވެ. ޖުލައި މަހު ތުރުކީގެ ސިފައިން އެގައުމަށް ގެންނަން މަސައްކަތް ކުރި ބަޣާވާތާ ގުޅިގެން އެގައުމުން ވަނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކު ހައްޔަރުކޮށްފަ އެވެ. އޭގެ ސަބަބުން ސްކޫލްތައް ފަށާފައި ވަނީ ބޭނުންވާ ވަރަށް ވުރެ މަދު މުވައްޒަފުންނާ އެއްކޮށެވެ.
ތުރުކީގެ އަސްކަރިއްޔާއަށް ނިސްބަތްވާ ބަޔަކު އެގައުމަށް ގެންނަން މަސައްކަތް ކުރި ބަޣާވާތާ ގުޅިގެން މިހާތަނަށް އެގައުމުން ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު 40،000 އަށް އަރާ އިރު މަގާމުން ސަސްޕެންޑުކޮށްފައިވާ ސިވިލް ސާވެންޓުންގެ އަދަދު 100،000 އަރާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. (ރޮއިޓާސް)