05 Jun 2011, 07:06
ސިންގަޕޫރު: ޢިރާޤާއި އަފްޣާނިސްތާނުގެ ހަނގުރާމަތަކާ ގުޅިގެން އެމެރިކާއަށް ކުރިމަތިވެފައިވާ ޢަސްކަރީ އަދި އިޤްތިސާދީ ފިއްތުންތަކާއެކު ވެސް އޭޝިޔާގައި ބާއްވާ އެމެރިކާގެ ޢަސްކަރީ ވުޖޫދު އެގޮތުގައި ދަމަހައްޓާނެ ކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ރޮބަޓް ގޭޓްސް ވިދާޅުވެއްޖެއެވެ.
ސިންގަޕޫރުގައި އިއްޔެ ފެށުނު އަމްނާބެހޭ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ގޭޓްސް ވިދާޅުވީ އޭޝިޔާގައިވާ އެމެރިކާގެ ބައިވެރިން ޙިމާޔަތް ކުރުމަށާއި މެރިޓައިމް ވިޔަފާރީގެ މަގުތައް ރައްކާތެރި ކުރުމަށްޓަކައި އާ ހަތިޔާރާއެކު އެމެރިކާގެ ބާރުގަދަ ޢަސްކަރީ ވުޖޫދެއް މާޒީއެކޭ އެއްގޮތަށް ކުރިމަގުގައިވެސް އޭޝިޔާގައި ބާއްވާނެ ކަމުގައެވެ.
ޢިރާޤާއި އަފްޣާނިސްތާނުގައި އެމެރިކާ އަމިއްލައަށްފެށި ހަނގުރާމަތަކުގައި އެންމެފަހުން އެމެރިކާ ތާށިވެ އެކަމުގެ ލޮޅުން އެމެރިކާގެ އިޤްތިސާދަށް އަރާފައިވާއިރު އޭޝިޔާގައި ބާއްވާ އެމެރިކާގެ ޢަސްކަރީ ވުޖޫދު ދާއިމީ ގޮތެއްގައި ދެމެހެއްޓުމަކީ އެމެރިކާއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށް ޢަސްކަރީ ތަޖްރިބާކާރުން ދެކެއެވެ.
މިބައްދަލުވުން ފެށުމުގެ ކުރިން ސިންގަޕޫރުގައި ދެއްވި ބަޔާނެއްގައި ގޭޓްސްވަނީ ކުރިއަރަމުން އަންނަ ޗައިނާގެ ޢަސްކަރީ ބާރާބެހޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޗައިނާއިން ޢަސްކަރީ ބާރުގަދަ ކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާމެދު އެމެރިކާ ކަންބޮޑުވާ މައިގަނޑު ސަބަބަކީ ޗައިނާގެ ޢަސްކަރީ ހޭދަތަކުގެ ހަޤީޤީ މިންވަރު އެމެރިކާއަށް ނޭންގޭތީ ކަމަށް ގޭޓްސް ވިދާޅުވިއެވެ.
ސިންގަޕޫރުގައި ގޭޓްސްވަނީ ޗައިނާގެ ދިފާޢީ ވަޒީރު ލިޔާންގްވާންގްލީ އާ ބައްދަލު ކުރައްވާފައެވެ. -- އަލްޖަޒީރާ / ޖަވާދު