20 Sep 2016, 13:11
ޓެކްނޮލޮޖީއާ ގުޅުން ހުރި، ދުނިޔޭގެ ހަތަރު ކުންފުންޏެއްގައި އޮތް ސެމްސަންގްގެ ހިއްސާ، އެކުންފުނިން ވިއްކާލައިފި އެވެ.
އެމެރިކާގެ ޗިޕު އުފައްދާ ކުންފުނި ރޭމްބަސްއާއި، ހާޑް ޑްރައިވް އުފައްދާ ކުންފުނި ސީގޭޓާއި، ސެމީކޮންޑަކްޓަރު އުފައްދާ ނެދަލެންޑްސްގެ އޭއެސްއެމްއެލް ގްރޫޕުުގެ އިތުރުން ޖަޕާނުގެ މަޝްހޫރު އިލެކްޓްރޯނިކްސް ކުންފުނި ޝާޕްގައި އޮންނަ، ސެމްސަންގްގެ ހިއްސާތައް އެ ކުންފުނިން ވިއްކާލީ، ސެމްސަންގްއަށް ކައިރި މުސްތަގުބަލެއްގައި ދިމާވެދާނެ ބޮޑު މާލީ ގެއްލުމަކުން އަރައިގަތުމަށެވެ.
ސެމްސަންގްއިން ވިއްކާލީ އޭއެސްއެމްއެލްގައި އޮންނަ އެކުންފުނީގެ ތިން ޕަސަންޓް ހިއްސާގެ ތެރެއިން 1.5 ޕަސަންޓު ހިއްސާ އެވެ. އަދި އަނެއް ތިން ކުންފުނީގައި އޮތް ހުރިހާ ހިއްސާއެއް ސެމްސަންގް އިން ވިއްކާލާފައިވެ އެވެ. ސީގޭޓުގައި އޮތީ ސެމްސަންގްގެ 4.2 ޕަސަންޓު ހިއްސާ، ރޭމްބަސްގައި 4.5 ޕަސަންޓު ހިއްސާ އަދި ޝާޕްގައި 0.7 ޕަސަންޓު ހިއްސާ އެވެ.
ހުރިހާ ހިއްސާއެއްގެ ޖުމްލަ އަގު 888.9 މިލިޔަން ޑޮލަރަށް ވުރެ ބޮޑެވެ.
ސެމްސަންގްގެ ފްލޭގްޝިޕް ފޯނު ގެލެކްސީ ނޯޓް7 ނެރެފައިވާ އިރު، އެ ފޯނުގެ ބެޓެރީ ދޮން ބޮޑުވެ، ބެޓެރީގައި އަލިފާން ރޯވާ މައްސަލަ ދިމާވާން ފެށުމުގެ ސަބަބުން ސެމްސަންގްއަށް ދަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.
އެނަލިސްޓުން ލަފާ ކުރާ ގޮތުގައި ސެމްސަންގް ގެލެކްސީ ނޯޓު7 ގެ ސަބަބުން ސެމްސަންގްއަށް ބިލިޔަނަކަށް ވުރެ ގިނަ ޑޮލަރުގެ ގެއްލުން ވާނެ އެވެ.