އިންޑިއާގެ ކޮލްކަޓާ އިން ފުރަން ތައްޔާރުވި އެއާ އިންޑިއާގެ މަތިންދާ ބޯޓެއްގައި ބޮމެއް އޮތް ކަމުގެ އިންޒާރު ލިބުމާ ގުޅިގެން ކޮލްކަޓާގެ އެއާޕޯޓު އެލާޓަށް އައިސްފި އެވެ.

ކޮލްކަޓާގެ ނެތާޖީ ސުބްހާ ޗަންދްރަ ބޯސް އިންޓަނޭޝަނަލް އެއާޕޯޓުން، އެގައުމުގެ އައްސާމް ސްޓޭޓުގެ ގުވަހަޓީއަށް މިއަދު ހެނދުނު ދަތުރުކުރަން ތައްޔާރުވަމުން ދިޔަ އެއާ އިންޑިއާގެ ފްލައިޓުގައި ބޮމެއް އޮތް ކަމުގެ އިންޒާރު ލިބުނީ، ކޮލްކަޓާ އެއާޕޯޓުގައި ހުރި އެއާ އިންޑިއާގެ ޗެކްއިން ކައުންޓަރަކަށެވެ.

އަންހެނަކު، އެއާ އިންޑިއާގެ ޗެކްއިން ކައުންޓަރަށް ގުޅައި، އެ ފްލައިޓުގައި ބޮމެއް އޮތް ޚަބަރު ދިނުމާ އެކު އެ ފްލައިޓަށް ފަސިންޖަރުން އެރުވުން ވަގުތީ ގޮތުން ހުއްޓާލި އެވެ.

އިންޑިއާ ގަޑިން 9:30ގައި ފުރަން އޮތް އެ ފްލައިޓުގައި ބޮމެއް އޮތް ކަމަށް ބުނެ އެއާ އިންޑިއާއަށް މައުލޫމާތު ހިއްސާ ކޮށްފައި ވަނީ 8:20 ހާ އިރު އެވެ.

އެ ފްލައިޓު، އެއާޕޯޓުގެ އިމާރާތާ ވަރަށް ދުރަށް ގެންގޮސްފައިވާ އިރު، ފްލައިޓު ކައިރީގައި ބޮން ޑިޓެކްޝަން އަދި ޑިސްޕޯސަލް ސްކޮޑުތަކުން ދަނީ ހަރަކާތްތެރި ވަމުންނެވެ.

ސަތޭކަ ސާދަ ފަސިންޖަރުންނާ އެކު ގުވަހަޓީއަށް ދަތުރުކުރަން އުޅުނު އެއާ އިންޑިއާގެ ފްލައިޓުގައި ބޮމެއް އޮތްކަމުގެ މައުލޫމާތު ލިބުމާ އެކު، ކޮލްކަޓާގެ ވައިގެ ބަނދަރު އެންމެ މަތީ އެލާޓަށް ވަނީ ގެނެސްފަ އެވެ.