ކާބުލް (ސެޕްޓެމްބަރު 19): އަފްގާނިސްތާނުގެ އުރޫޒްގާން ޕްރޮވިންސުގައި އެމެރިކާ އިން ދިން ވައިގެ ހަމަލާއެއްގައި އަފްގާނިސްތާނުގެ އަށް ފުލުހުން މަރުވެއްޖެ އެވެ.

އަފްގާނިސްތާނު ފުލުހުންގެ ޕްރޮވިންޝަލް އޮޕަރޭޝަނަލް ކޮމާންޑަރެއް ކަމަށްވާ ރަހިމުﷲ ޚާން ވިދާޅުވި ގޮތުގައި އާދިއްތަ ދުވަހު އެމެރިކާ އިން ވަނީ އުރޫޒްގާން ޕްރޮވިންސުގެ ވެރިރަށް ޓަރިން ކޮޓަށް ވައިގެ ދެހަމަލާއެއް ދީފަ އެވެ. އެދެ ހަމަލާގައި އަފްގާނިސްތާނުގެ އަށް ސިފައިން ވަނީ މަރުވެފަ އެވެ.

ކާބުލްގައި ހުންން އެމެރިކާގެ އަސްކަރީ ކޮމާންޑުން ވަނީ އެގައުމުގެ ހަނގުރާމަމަތީ ބޯޓުތަކުން ފުލުހުން ތިބި ސަރަހައްދަށް ހަމަލާ ދިން ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް އެ ހަމަލާތައް އަމާޒު ކުރީ "އަފްގާން ފުލުހުންނާ ދިމާލަށް ބަޑި ޖަހަމުންދިޔަ" ބަޔަކާ ދިމާލަށް ކަމަށް އެމެރިކާ އިން ބުންޏެވެ.

"އަޅުގަނޑުމެންނަކަށް އަދި ނޭނގޭ ފުލުހުންނާ ދިމާލަށް ހަމަލާ ދެމުން ދިޔައީ ކޮން ބަޔެއް ކަމެއް އަދި އެމީހުން ހަމަލާ ދިނީ ކީއްވެގެން ކަމެއް... ކުއްލި ނުރައްކަލެއް ކުރިމަތިވުމުން އަމިއްލަ ނަފްސު ރައްކާތެރި ކުރުމުގެ ހައްގު އެމެރިކާ އާއި އަފްގާނިސްތާނުގެ ފައުޖުތަކަށް ލިބިގެންވޭ،" އެމެރިކާ އަސްކަރިއްޔާގެ ތަރުޖަމާނު ބުރިގޭޑީއާ ޖެނެރަލް ޗާލްސް ކްލީވްލޭންޑް ވިދާޅުވި އެވެ.

އަފްގާނިސްތާނުގައި ތާލިބާނާ ދެކޮޅަށް ހަމަލާ ދެމުންދާ އެމެރިކާ ކޯލިޝަނާއެކު އެހަމަލާ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް އަފްގާން އޮފިޝަލުން ބުންޏެވެ.

މީގެ ދެދުވަސް ކުރިން އެމެރިކާ އިން ވަނީ އެގައުމުގެ އަސްކަރިއްޔާ އިން ސީރިއާގައި ދިން ހަމަލާއެއްގައި ސީރިއާގެ 62 ސިފައިން މަރުވެފައިވާ ކަމަށް އެއްބަސްވެފަ އެވެ.

ސީރިއާގައި ދިން ހަމަލާތަކާ ގުޅިގެން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެގައުމުން އެހަމަލާތައް ދީފައި ވަނީ އެ ސަރަހައްދަކީ އައިއެސް އިން ހިފާފައިވާ ސަރަހައްދެއް ކަމަށް ހީކޮށެެވެ. އަދި އެސަރަހައްދުގައި ތިބީ ސީރިއާ އަސްކަރިއްޔާގެ ފައުޖުތަށް ކަމަށް ރަޝިއާ އިން ބުނުމުން ހަމަލާތައް ވަގުތުން ހުއްޓާލި ކަމަށް ބަޔާނުގައިވެ އެވެ. (އަލްޖަޒީރާ)