އަނބިމީހާ ގައިގައި ޖަހައިގެން ހ. ލޭކްސައިޑް އަލީ ޒުހައިރުގެ މައްޗަށް ދައުލަތުން ކުރި މާރާމާރީ ހިންގުމުގެ ދައުވާ ސާބިތުވެ އޭނާ 200 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

ދައުލަތުން ޒުހައިރުގެ މައްޗަށް މާރާމާރީ ހިންގިކަމުގެ ދައުވާ ކޮށްފައި ވަނީ 29 މާޗު 2013 ވަނަ ދުވަހު އޭނާގެ އަންހެނުންނާ ދެމެދު ހިނގި ހަމަ ނުޖެހުމެއްގައި އަންހެނުން ގައިގާ ޖަހައި މާރާމާރީ ހިންގާފައިވާތީ އެވެ.

އެ މައްސަލަ ނިންމައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ދައުލަތުން ހުށަހެޅި ހެއްކާ ގަރީނާއިން ޒުހައިރު އޭނާ އަންހެނުން ގައިގައި ޖަހާ މާރާމާރީ ހިންގިކަން ސާބިތުވާ ކަމަށެވެ.

ޒުހައިރު 200 ރުފިޔާއިން ޖޫރިމަނާ ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 126 ވަނަ މާއްދާގެ ދަށުންނެވެ. އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ.