ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ކުށް ޝަރީއަތަށް ސާބިތުވެ ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އާސިފް އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށް 100،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

މުހައްމަދު އާސިފް ހައްޔަރުކޮށްފައި ވަނީ މި އަހަރުގެ ފެބުރުއަރީ ހަ ވަނަ ދުވަހު ސްރީލަންކާ އެއާލައިންގެ ފްލައިޓަކުން ރާއްޖެ އައި އިރު ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކޮށްފައިވާތީ އެވެ.

އެމައްސަލަ ބަލައި މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން އާސިފްގެ މައްޗަށް ކުރި ހުކުމުގައި ބުނެފައި ވަނީ ދިރުވާލައިގެން 35 ބްލެޓުގައި 286.2336 ގްރާމް ޑައިމޯފިން އެތެރެކުރިކަމަށް އޭނާ އިއުތިރާފުވެފައިވާ ކަމަށެވެ.

އެހެންކަމުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 112 ވަނަ މާއްދާގެ (ހ)ގެ ދަށުން ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެއްޗެއް ރާއްޖެ އަށް އެތެރެކުރިކަމުގެ ކުށް އާސިފްގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.

އާސިފް ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 112 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ. އަދި 100،000 ރުފިޔާއިން ޖޫރިމަނާކޮށް އާދިއްތަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެފައިސާ ދެއްކުމަށް ވެސް ކޯޓުން ވަނީ އަންގައިފަ އެވެ.