04 Jun 2011, 17:35
އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 450 ފަރާތަކުން ކުރިމަތިލައިފި އެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި، އެޕާޓީގެ ދާއިމީ 17 ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހުގެ 31 ނިޔަލަށް ހަމަވި އިރު އެކޮމިޓީތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ މިނިސްޓަރުންނާއި، މަޖިލިސް މެންބަރުންނާއި، ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި އަލަށް ޕާޓީއާއި ގުޅުނު ގިނަ ފަރާތްތަކުގެ އިތުރުން ގިނަ އަދަދެއް އާންމުން ހިމެނެ އެވެ.
އެގޮތުން އެންމެ ގިނަ މެންބަރުން ކުރިމަތިލާފައިވަނީ އިގުތިސާދީ ކަންކަމާއި ބެހޭ ކޮމިޓީ އަށް އެމްޑީޕީން ބުނެ އެވެ. އެކޮމިޓީއަށް 39 ފަރާތަކުން ކުރިމަތިލާފައިވެއެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން ކުރިމަތިލާފައިވަނީ 37 މީހުން ނަން ހުށަހަޅާފައިވާ "ހޯދުންތަކާއި ސިޔާސަތު އެކުލަވާލުމާ ބެހޭ ކޮމިޓީ" އަށް ކަމަށާއި 37 ތިން ވަނައަށް އެންމެ ގިނަ މެންބަރުން ކުރިމަތިލާފައިވާ ބައިނަލްއަގުވާމީ ގުޅުންތަކާއި ބެހޭ ކޮމިޓީ އަށާއި މެމްބަޝިޕާއި ކެމްޕެއިން ކޮމިޓީ އަށާއި މީޑިޔާ ކޮމިޓީ އަށް ކަމަށް ވެސް އެޕާޓީން ބުނެ އެވެ. އެގޮތުން އެއިން ކޮންމެ ކޮމިޓީއަކަށް 36 މެންބަރުން ކުރިމަތިލާފައި ވެއެވެ.
މީގެ އިތުރުން އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު 20 ފަރާތަކުން އެ މަޖިލީހަށް ކުރިމަތިލާފައިވާ ކަމަށް ވެސް އެޕާޓީން ބުނެއެވެ.
އެމްޑީޕީގެ އިސްތިޢުނާފް ފަނޑިޔާރުންގެ މަޖިލީހަށާއި، އެ ޕާޓީގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން އައްޔަން ކުރުން އޮންނާނީ މިމަހުގެ 18 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ގައެވެ. އަދި އެއިން ކޮންމެ ކޮމިޓީއެއްގައި ތިބޭނޭ މެންބަރުންގެ އަދަދު ކަނޑައަޅާނީ ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ކަމަށް އެޕާޓީން ބުނެ އެވެ.