20 Sep 2016, 11:16
ިދިރާގު ހެޑް އޮފީސް ކައިރިން ކަނބާއައިސާރަނި ހިނގުމުގައި ޕާކިންގް ޒޯނެއް ހަދައިފި އެވެ. މިއީ މި ހަފްތާ ތެރޭގައި މާލޭގައި އަލަށް ގާއިމުކުރި ދެވަނަ ޕާކިންގް ޒޯނެވެ.
ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކަނބާ އައިސާރަނި ހިނގުމައި ދިރާގު ކައިރިން ޕާކިންގް ޒޯނެއް ހަދާފައި ވާނެ ކަމަށާއި، މިއަދުން ފެށިގެން އެ ޒޯނު ބޭނުންކުރެވޭނެ ކަމަށެވެ.
މި ޕާކިންގް ޒޯނު ހުންނާނީ ކަނބާ އައިސާރަނި ހިނގުމުގެ ދިރާގާ ދިމާލުން ހިނގުމަށް ޚާއްސަ ކޮށްފައިވާ ދިމާ ވަކި ކުރުމަށް މަގުގައި ގަސް އިންދާފައި ހުރި ތަނުގެ ދެ ފަރާތުންނެވެ.
އިއްޔެ ވެސް ހައުސިންގް މިނިސްޓްރީން ވަނީ މާލޭގައި ޕާކިންގް ޒޯނުތަކެއް ހަދާފަ އެވެ. އެ ޒޯނުތައް ހަދާފައި ވަނީ މަސްވެރިންގެ ޕާކުގަ އެވެ.
މާލޭގެ ދުއްވާ އެއްޗެއްސަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ އިރު، މަގުތަކުގައި ދުއްވާ ގިނަ އަދަދެއްގެ އުޅަނދުފަހަރު ޕާކު ކުރާނެ ޖާގަ ހޯދުމަކީ އުނދަގޫ ކަމެކެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ވަނީ މެކޭނިކަލް ޕާކިންގް ސިސްޓަމްތަކެއް ގާއިމު ކުރުމަށް ނިންމާފަ އެވެ. މެކޭނިކަލް ޕާކިންގް ސިސްޓަމް ގާއިމު ކުރުމަށް ހައުސިންގް މިނިސްޓްރީން ވަނީ އެސްޓީއޯއާ ހަވާލު ކޮށްފަ އެވެ.
ހައުސިން މިނިސްޓްރީން މާލޭގެ އެކި ސަރަހައްދުތަކުގައި ކާރު ޕާކް ކުރުމަށް ހާއްސަ މެކޭނިކަލް 10 ޕާކިން ސިސްޓަމާއި ސައިކަލަށް ހާއްސަ މެކޭނިކަލް 10 ޕާކިން ސިސްޓަމް ބެހެއްޓުމަށެވެ
އޭގެ ކޮންމެ ޕާކިންގް ސިސްޓަމެއްގައި 16 ކާރު ޕާކްކުރެވޭއިރު ޖުމުލަ 10 ސިސްޓަމުގައި 160 ކާރުގެ ޕާކިން ސިސްޓަމްތަކުގައި ޕާކު ކުރެވޭނެ އެވެ. އަދި ކޮންމެ ސިސްޓަމެއްގައި 100 ސައިކަލު ވެސް ޕާކު ކުރެވޭ އިރު ޖުމްލަ 10 ސިސްޓަމުގައި 1،000 ސައިކަލު ޕާކު ކުރެވޭނެ އެވެ.