ފިނޭންސް މިނިސްޓްރީގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ކުރަމުން ދާތީ، ފިނޭންސް މިނިސްޓްރީގެ ބޭރުގައި ބޭންކް އޮފް މޯލްޑިވްސްއިން ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިންގް ސެންޓަރު، ބުރާސްފަތި ދުވަހަށް ފަހު ބަންދު ކުރަން ނިންމައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ބުރާސްފަތި ދުވަހުގެ ރޭ 10:00 އަށް ފަހު ފިނޭންސް މިނިސްޓްރީގައި ގާއިމުކޮށްފައިވާ ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިންގް ސެންޓަރު ބަންދު ކުރާނެ ކަމަށެވެ.

ހަތަރު އޭޓީއެމްއާ އެކު ފިނޭންސް މިނިސްޓްރީގެ ބޭރުގައި ސެލްފް ސާވިސް ބޭންކިންގް ސެންޓަރެއް ބީއެމްއެލްއިން ގާއިމުކޮށް، ހުޅުވީ މިދިޔަ އަހަރުގެ ޖޫން މަހުގެ މެދުތެރޭގަ އެވެ.

ބީއެމްއެލްއިން ބުނީ ފިނޭންސް މިނިސްޓްރީ ކައިރީގައި ހުންނަ އޭޓީއެމްތައް ބަންދު ކުރި ނަމަވެސް، ބީއެމްއެލްގެ އެހެނިހެން ސެލްފް ސާވިސް ބޭންކިންގް ސެންޓަރުތަކުގެ ޚިދުމަތް ކަސްޓަމަރުންނަށް ލިބިގަނެވޭނެ ކަމަށެވެ.

މާލޭގައި ބީއެމްއެލްގެ ގިނަ ސެލްފް ސާވިސް ބޭންކިންގް ސެންޓަރުތަކެއް ހުރެ އެވެ. ފިނޭންސް މިނިސްޓްރީގައި ހުރި ސެންޓަރާ އެކު، މާލޭގައި ބީއެމްއެލްގެ ހަތް ސެލްފް ސާވިސް ބޭންކިންގް ސެންޓަރު ހުރެ އެވެ.

ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ކުރުމަށް، އެ މިނިސްޓްރީ ހިންގާ އިމާރާތުގައި ހުރި އެހެނިހެން އިދާރާތައް ވަގުތީ ގޮތުން އެހެން އިމާރާތްތަކަށް ބަދަލު ކޮށްފައިވާ އިރު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ހިންގާ އިމާރާތުގެ ވަށައިގެން، އެ ބިމުގައި ހުރި އިމާރާތްތައް ތަޅާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ފިނޭންސްގެ 25 ބުރީގެ އިމާރާތް އެޅުމަށް ހަވާލު ކޮށްފައިވަނީ މެލޭޝިއާގެ ދެ ކުންފުންޏެއް ކަމުގައިވާ "ޑަބްލިއު ޒެޑް އާރް ގުރޫޕް ކޮމްނީޒް" އަދި "ފަނެލް އިންވެސްޓުމަންޓް ޕްރައިވެޓް ލިމިޓެޑް"އާ އެވެ.

މިއީ 122 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ)ގެ މަޝްރޫޢެކެވެ.